Last Updated: July 11, 11:51
Saturday, July 11, 2026
މުނިފޫހިފިލުވުން

ފިލްމެއް ހަދަން ރަންވީރު ވާހަކައެއް ގަނެފި

އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަމިޝް ޓްރިޕާތީގެ ފެންޓަސީ ވާހަކަ 'ދި އިމޯޓަލްސް އޮފް މެލޫހާ' ގެ ރައިޓްސް އެކްޓަރު ރަންވީރު ސިންގް ގަނެފައިވާ ކަމަށްވާ ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަންގާމާ އިން ބުނީ 2010 ގައި ނެރުނު ވާހަކައިގެ ރައިޓްސް ކާމިޔާބު އެކްޓަރު ގަތީ 40 ކްރޯޑް ރުޕީސް 4.2 މިލިއަން ޑޮލަރު) އަށް ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ 'ދި އިމޯޓަލްސް އޮފް މެލޫހާ' އަށް ފިލްމު ހަދަން މީގެ ކުރިން ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ ވެސް އޭގެ ރައިޓްސް ހޯދިކަމެވެ. ނަމަވެސް އެއްބަސްވި ގޮތަށް އެ ދެ މީހުންނަށް ވެސް ފިލްމު ހެދިފައި ނުވާތީ، އެ މީހުންނަށް ދިން ރައިޓްސް އޮތީ ބާތިލުވެފަ އެވެ.

ރަންވީރަށް މިހާރު ވާހަކައިގެ ރައިޓްސް ވިއްކައިލި އިރު، މި ފަހަރު އެއަށް ލިބުނު އަގަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަގު ވެސް މެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި 'ދި އިމޯޓަލްސް އޮފް މެލޫހާ' އަށް ރަންވީރު ސްކްރީނަށް ގެންނަން ނިންމާފައި އޮތީ އޭނަގެ އަމިއްލަ ފިލްމު ކުންފުނި، މާ ގަސަމް ފިލްމްސް އާއި ދާދި ފަހުން ލޯންޗްކުރި އަނަންޔާ ބިރްލާގެ ސްޓޫޑިއޯސް ގުޅިގެންނެވެ. އެގޮތުން ފިލްމުގެ ޝޫޓިން ފަށަން ޕްލޭން ކުރަނީ 2028 އަށެވެ. ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި ސާފެއް ނުވެ އެވެ.

'ދުރަންދަރު' ގެ ދެ ބައިގެ ބޮޑު ކާމިޔާބީ އަށް ފަހު، މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރް މިހާރު އަންނަނީ ވަރުގަދަ ޒޮމްބީ ތުރިލާއަކަށް ތައްޔާރުވަމުންނެވެ. ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ 'ޕްރަލޭ' ގެ ޝޫޓިން އަންނަ އޮގަސްޓްގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.