Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ރައީސް އޮފީހުގެ ޕްރެސްތަކަށް "އަދަދު" ނުވައްދާނެ

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ އެއްވެސް ބައްދަލުވުުކަށް ވަންނަން "އަދަދު" ނޫހުގެ ނޫސްވެރިންނަށް ހުއްދަ ދޭން ނުދޭން ރައީސް އޮފީހުން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި މި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒްފްގެ ތުހުމަތުކޮށް އަންހެނަކު ދެއްކި ވާހަކަތަކެއް އައިޝާގެ ނަމުގައި ޑޮކިއުމަންޓަރީއެއް ގެނެސްދީފައިވާތީ އެ މައްސަލައާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވާ ގޮތަށް އަދަދު ނޫހުގެ ނޫސްވެރިޔަކު އިއްޔެ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކޮށްފައި ވަނިކޮށެވެ.

"އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ކުރި ސުވާލާ ގުޅިގެން ރައީސްގެ އަމުރަށް ނޫސްވެރިންގެ ބައްދަލުވުމުން ޝަހްޒާން ވަނީ ނެރެފަ އެވެ. އަދި ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރާ ހިލާފަށް ވާހަކަ ދެއްކި ކަމަށް ބުނެ އޭނަ މިއަދު މެންދުރު ފަހު ކްރިމިނަލް ކޯޓަށް ހާޒިރުވާން އޮތީ އަންގައިފަ އެވެ.

ރައީސް އޮފީހުން ބުނީ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓު އަމުރާ ޚިލާފަށް ޝަހުޒާން ޢަމަލުކޮށްފައިވާ ކަމަށެވެ.

އެހެންވެ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، އެ ޤާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އަސާސްތައް ހިމެނޭ ސުލޫކީ މިންގަނޑާއި، އަދި އެ ޤާނޫނުގެ 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް، "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސް އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އެ ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދެބް ފާސް ދޫނުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ރައީސް އޮފީހުން މި ގޮތަށް ނިންމި އިރު، އެ ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއާ ގުޅިގެން އެތަނުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު މިއަދު ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ.

ޑޮކިއުމެންޓްރީ މައްސަލައިގައި "އަދަދު" ގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.