ރާއްޖޭގައި ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް (އޭއެމްއެސް) މިއަދު ފަށައިފި އެވެ.
މި މަހުގެ 14 އާ ހަމަައަށް ވިލާ ނޯޓިކާ ރިސޯޓްގައި ކުރިއަށް ގެންދާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް، (އޭއައިބީޑީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިންތިޒާމުކުރި ސަމިޓެކެވެ.
"މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ރަސްމީކޮށް ފަށްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.
އެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ޕީއެސްއެމްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ސަމިޓްގައި މުޅި 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.
އޭޝިއާ މީޑިއާ ސަމިޓުގެ ތެރެއިން މައިގަނޑު 8 ޕްލިނަރީ ސެޝަނެއް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި ހައި ލެވެލް މިނިސްޓީރިއަލް ސެޝަނެއް ވެސް ހިމެނެ އެވެ. މި ސެޝަން ޚާއްސަކޮށްފައި ވަނީ ޕަބްލިކް މީޑިއާ އަށް މަގުފަހިކުރުމާއި އެކަމުގެ ސިޔާސަތުގެ މައްޗަށެވެ.
ޕްލިނަރީ ސެޝަންތަކުގެ އިތުރުން ޚާއްސަ ގާލާ ޑިނާއަކާއި ކަލްޗަރަލް ޝޯއެއްގެ އިތުރުން އޭއައިބީޑީ އިންޓަނޭޝަނަލް މީޑިއާ އެވޯޑްސް ދިނުން ވެސް މި ސަމިޓުގެ ތެރެއިން ކުރިއަށް ދާނެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ސަމިޓް ނިންމައިލާނީ ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތަކުންނެވެ.
އޭޝިއާ މީޑިއާ ސަމިޓަކީ އޭއައިބީޑީން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އަހަރީ ބައްދަލުވުމެކެވެ.
މި ސަމިޓަކީ، އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ.
މިއީ އޭޝިއާ ޤައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ސަރަޙައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.