Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ޓެކްނޮލޮޖީއާ އެކު މީޑިއާގެ ޒިންމާތައް ބޮޑު: އިހްސާން

މީޑިއާ އާއި ޓެކްނޮލޮޖީ ކުރިއަށް ވުރެ ބާރަށް ތަރައްޤީވަމުން އަންނަ އިރު، އެއާ އެކު މީޑިއާތަކުގެ ޒިންމާތައް ވެސް ބޮޑުވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް، (އޭއައިބީޑީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން މިއަދު ވިލާ ނޯޓިކާ ރިސޯޓްގައި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިފަދަ މުހިންމު ސަމިޓެއް ރާއްޖޭގައި ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެެވެ.

އިހްސާން ވިދާޅުވީ ޑިޖިޓަލް ކަނެކްޓިވިޓީ އާއި އާޓިފިޝަލް އިންޓެލިޖެންސާއި އިންސްޓަންޓް ކޮމިއުނިކޭޝަންގެ ސަބަބުން ދުނިޔޭގައި އެއްވެސް ޤައުމަކަށް އެކަނި ކުރިއަށް ނުދެވޭނެ ކަމަށެވެ.

އޭނަ ވިދާޅުވީ މީޑިއާ އާއި ޓެކްނޮލޮޖީގެ މުސްތަޤްބަލް ބިނާކުރަން ޖެހޭނީ މުޅި ސަރަޙައްދުގެ ޕާޓްނަޝިޕްތަކާއި، ދެ ފަރާތުން ހިއްސާ ކުރާ މައުލޫމާތާއި، ދެފަރާތުގެ އިތުބާރުގެ ތެރެއިން ކަމަށެވެ. އަދި މި ސަމިޓް ތީމް "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" އިން ދައްކުވައި ދެނީ ހަމައެކަނި ގައުމީ ޝައުގުވެރި ކަމެއް ނޫން ކަމަށާއި ގައުމުތަކުން ޑިޖިޓަލް ޓްރާންސްފޯމަޝަން ގަބޫލު ކުރެވޭނެ ގޮތުގެ ފުޅާ ތަސައްވުރެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި، އަޅުގަނޑުމެންގެ ކަނޑުތަކާއި، ހުދު ވެލިގަނޑު ގޮނޑުދޮށްތަކާއި، އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި އެކި ދިމަދިމާލުގައި ހުރި ޖަޒީރާތަކުގެ ސަބަބުން ދުނިޔެ އަށް މަޝްހޫރު ތަނެއް. އިހްސާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމެއް ތަރައްޤީވަމުން އަންނައިރު ޑިޖިޓަލް ޓްރާންސްފޯމަޝަނަކާ ދިމާލަށް ދިޔުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ޖިއޮގްރަފީގެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ރާއްޖޭގައި ޚިދުމަތްތައް ފޯރުކޮށް ދިނުން ރަނގަޅުކޮށް، މުއައްސަސާތަކުގެ ޤާބިލުކަން ހަރުދަނާ ކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޕްލެޓްފޯމްސް، އޮޓޮމޭޝަން، އަދި ޑޭޓާ ޑްރައިވަން ސިސްޓަމްސް ހިމެނޭ ގޮތަށް އުފެދިފައިވާ ޓެކްނޮލޮޖީތައް މިހާރު އަންނަނީ ބޭނުން ކުރަމުން ކަމަށެވެ.

މި ސަމިޓު މި މަހުގެ 14 އާ ހަމައަށް ކުރިއަށް ދާނެ އެވެ.