Last Updated: July 11, 11:17
Saturday, July 11, 2026
ދުނިޔެ

ބޭރަށް ކުރާ ދަތުރުތައް މަދުކުރަން ގޮވާލައިފި

އިރާންގެ ހަނގުރާމައިގެ ސަބަބުން ތެލާއި ޑޮލަރުގެ ތާށިކަން ވެސް ކުރިމަތިވެފައިވާތީ އިންޑިއާ މީހުން ގައުމުން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ރަން ފަދަ އަގުބޮޑު ތަކެއްޗަށް ކުރާ ހޭދަ މަދުކުރަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފި އެވެ.

ހައިދަރުއާބާދުގައި އޮތް އިވެންޓެއްގައި އޭނަ ވިދާޅުވީ ދުނިޔޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތަށް ބަލާ އިރު، ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. މޯދީ ވިދާޅުވީ ދުނިޔެ މިހާރު އޮތީ ކޮވިޑްގެ ވަބާގެ ތެރޭގައި އުޅެން ޖެހުނު ދަތި ވަގުތުގެ ތެރޭގައި ފުއްދާލައިގެން އުޅުނު ގޮތަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ.

އެގޮތުން ތެލަށް ކުރަން ޖެހޭ ހަރަދު ކުޑަކުރުމަށްޓަކައި އޮފިސްތަކަށް ގޮސް ވަޒީފާ އަދާކުރާ މީހުންގެ މަސައްކަތްތައް ގޭގައި ކުރެވޭނެ އިންތިޒާމެއް ވެސް އޮތުން މުހިއްމު ކަމަށް ވިދާޅުވީ އެވެ. މީގެ އިތުރުން ގައުމުން ބޭރަށް ކުރާ ދަތުރުތައް ވެސް މަދު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ހަމަމިއާ އެކު ރަން ފަދަ ތަކެތި ގަތުން ވެސް އެބަޖެހޭ މަދުކޮށްލަން." މޯދީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ގައުމިއްޔަތަށްޓަކައި މަސައްކަތް ކުރުމަކީ ހަމައެކަނި ބޯޑަރުގެ ސަލާމަތަށް އަބަދު ފާރަވެރިވެ ތިބުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގައުމިއްޔަތަށްޓަކައި މަސައްކަޔް ކުރުމަކީ އެ ވަގުތަކު ދުނިޔެ އަށް ކުރިމަރުވެފައިވާ ހާލަތަކަށް ރިއާޔަތްކޮށް ކޮންމެ މީހަކު ބެސް އެ މީހެއްހެ އާންމު ދިރިިއުޅުން ބައްޓަން ކުރުން ކަމަށް ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ގައުމުން ބޭރަށް ފައިސާ ނުދާނެ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ރޭވުން." މޯދީ ވިދާޅުވި އެވެ.