Last Updated: July 11, 02:43
Friday, July 10, 2026
ރިޕޯޓް

ހަތަރު ވަނަ ބާރާއި ނޫސްވެރިންގެ ރައްކާތެރިކަން!

ކޮންމެ ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ވެސް ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބަލައިގަންނަ މުހިންމު ތަނބެކެވެ. ދައުލަތުގެ ތިން ބާރު ޒިންމާދާރުކުރުވުމާއި، ރައްޔިތުންނަށް ބޭނުންވާ ތެދު މަޢުލޫމާތު ފޯރުކޮށް ދިނުމަކީ ނޫސްވެރިންގެ މައިގަނޑު މަސްއޫލިއްޔަތެވެ. މި މަސްއޫލިއްޔަތު އަދާކުރުމުގައި ނޫސްވެރިންނަށް އޮންނަން ޖެހޭ އެންމެ ބޮޑު އެހީތެރިކަމަކީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާޙައުލެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއެވެ. ނަމަވެސް، މި މިނިވަންކަމުގެ ހަގީގީ މާނަ ގެއްލިގެންދަނީ ނޫސްވެރިން ކުރާ މަސައްކަތުގެ ސަބަބުން ނުވަތަ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން އެމީހުންނަށް ބިރުދެއްކުމާއި، ޖިނާއީ ދައުވާތައް އުފުލަން ފެށުމުންނެވެ. ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލައި، ޖަލަށްލުމާއި، ހަރުކަށި އަދަބުތައް ދިނުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެހެންކަމުން، ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލައި، އަމިއްލައަށް ފާޅުކުރާ ޚިޔާލުތަކަށް ހުރަސްއެޅުމަށް މަގުފަހިވާ ކަމެކެވެ. ނޫސްވެރިއަކު ލިޔާ ލިޔުމެއްގެ ސަބަބުން ނުވަތަ ހާމަކުރާ ތެދު މަޢުލޫމާތެއްގެ ސަބަބުން އޭނާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގައި، ދައުވާ އުފުލުމަކީ މުޅި މުޖުތަމަޢުގެ އަޑު ކަނޑުވާލުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ ސަބަބުން ކޮރަޕްޝަނާއި، ނޭދެވޭ ކަންކަން ހާމަކުރުމަށް ނޫސްވެރިން ފަސްޖެހޭނެއެވެ.

އިސްލާމީ މަތިވެރި އުޞޫލުތަކަކީ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމު ކުރުމަށާއި ތެދުބަހުން ވާހަކަ ދެއްކުމަށް ނުހަނު ބާރުއަޅާ އުޞޫލުތަކެކެވެ. އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ އިމުގެ ތެރެއިން، މުޖުތަމަޢުގައި ހުރި ނޭދެވޭ ކަންކަން އިޞްލާޙު ކުރުމަށް ނޫސްވެރިން ކުރާ މަސައްކަތްތަކުގައި، ދައުލަތުގެ ފުރިހަމަ ރައްކާތެރިކަން އެފަރާތްތަކަށް ލިބިދޭން ޖެހެ އެވެ. އަދި ނޫސްވެރިއެއްގެ މަސައްކަތުގައި އެއްވެސް މައްސަލައެއް ދިމާވާ ހާލަތްތަކުގައި، ކަނޑައެޅިފައިވާ އިޖުރާއާތުތަކުގެ ދަށުން މީޑިއާ ކައުންސިލް ފަދަ ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ސީދާ ޖިނާއީ ނިޒާމުގެ ތެރެއަށް އެފަރާތްތައް ހުށަހެޅުމަކީ ޑިމޮކްރެޓިކް ހަމަތަކާ ބީރައްޓެހި އަމަލެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ނޫސްވެރިންނަށް އަމާޒުކޮށް އުފުލާ ޖިނާއީ ދައުވާތައް ހުއްޓާލަން ޖެހެ އެވެ. ނޫސްވެރިންނަކީ ކުށްވެރިންނެއް ނޫނެވެ. އެއީ މުޖުތަމަޢުގެ ލޯތްބާއި އިޙްތިރާމް ލިބެން ޖެހޭ، ޤައުމުގެ އިޞްލާޙަށް މަސައްކަތްކުރާ ބަޔެކެވެ. އެހެންކަމުން، މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިންނަށް ބިރު ދެއްކުމާއި ޖިނާއީ ދައުވާ އުފުލުމުގެ ސަގާފަތް ދިވެހި މުޖުތަމަޢުން ނައްތާލަން ޖެހެ އެވެ.

އެއީ ޤައުމުގެ ކުރިއެރުމަށާއި ލާބައަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ