Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބިދޭސީންގެ ވިޔަފާރީގައި ފައިސާ ދައުރުކުރާ ގޮތް ބަލަނީ

ގަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުން ހުއްޓުވުމަށް، އެމީހުންގެ އެކައުންޓްގައި ފައިސާ ދައުރުކުރާ ގޮތް ބެލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރޭތޯ ބެލުމަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލެވިފައި އޮންނަ ކަމަށެވެ. އަދި އެ ފޯހުން، މިދިޔަ އަހަރުގެ ނޮވެމްބަރު 29 ގައި ފެށި މަސައްކަތުގެ ތެރެއިން 409 ޝަކުވާއެެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އޭގެ ތެރެއިން 242 ތަނެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އެތަނުން 102 ތަނެއް ބަންދުކޮށްފަވާ އިރު، ބަންދު ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނޭ ގަވާއިދާ ޚިލާފް 57 ތަނެއް އެއްކޮށް ބަންދުކޮށްފައިވާ ކަމަޑް މިނިސްޓަރު ވިދާޅުވި އެވެ.

ބަންދުކުރި ވިޔަފާރި ތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ކުރަމުންއައި މަސައްކަތްތައް ކުރަމުން ދިޔަ 67 ތަނެއް ހުޅުވަން ހުއްދަ ދިން ކަމަށް ވެސް ސައީދު ފާހަގަ ކުރެއްވި އެވެ.

"ބިދޭސީ ވިޔަފާރިއެކޭ ބުނީމާ ގޮސް ބަލާއިރު، އޭގެ އަސްލު އޯނަރަކަށް މިވަނީ ދިވެއްސެއް. ދެން އެ ދިވެހި މީހާ މިދެނީ ކުއްޔަށް، ނުަވަތަ ކައުންޓަރުގައި މި ބަހައްޓަނީ ބިދޭސީއެއް. ބެހެއްޓީމާ ހިސާބުގަނޑުގެ މީހުންނަށް ފެންނަނީ ބިދޭސީއެއް ހިންގާ ވިޔަފާރިއެއް ގޮތަށް." އޭނަ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ހިންގާ ވިޔަފާރިތަކުގައި، ފިހާރަ ހިންގަން ހުންނަ ބިދޭސީއަކީ ގަވައިދާ އެއްގޮތް ބިދޭސީއެއްތޯ ބަލާ ކަމަށާ، ގަވާއިދާ ޚިލާފް ނަމަ، އިމިގްރޭޝަނުން އެ މީހާ އަށް ފިޔަވަޅު އަޅާކަމަށެވެ.

އަދި ބިދޭސީން ހިންގަން ތިބޭ ވިޔަފާރިތަކުގެ ފައިސާ ދައުރުވަނީ ބިދޭސީއެއްގެ އެކައުންޓްގައިތޯ ބެލޭނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ އެ ފައިސާ ދައުރުވަނީ ބިދޭސީއެއްގެ އެކައުންޓްގައިތޯ، ނުވަތަ ކިހާވަރެއްގެ ލިންކޭޖެއް އިނދޭތޯ މި ނެޓްވޯކުގެ ތެރޭގައި، މިފަދަ ވިޔަފާރިތައް ހިންގާއިރު،" މިނިސްޓަރު ވިދާޅުވި އެވެ.
އެފަދައިން ބެލޭނީ މީރާ، އެމްއެމްއޭ އަދި ހުރިހާ ބޭންކުތަަކެއްގެވެސް އެހީއާއެކު."