Last Updated: July 11, 10:01
Saturday, July 11, 2026
ރިޕޯޓް

ހެކި ހުށަހަޅާށެވެ. ނޫނީ ހައްދު ޖެހޭނެ އެވެ!

"ހެކި ހުށަހަޅާށެވެ. އެހެން ނޫނީ ތިބާގެ ބުރަކަށީގައި ހައްދު ޖެހޭނެ އެވެ." (صحيح البخاري (٢٦٧١)

ޤަޛްފު ކުރުމަކީ އިސްލާމީ ފިޤުހާއި އިސްލާމީ ޝަރީޢަތުގައި ވަރަށް ނާޒުކު އަދި އެހާމެ ބޮޑު މައްސަލައެކެވެ. މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތު އެޅުވުމަކީ ޤަޛްފު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކީރިތި ޤުރްއާނާއި ސުންނަތް:

އިސްލާމް ދީނުގައި މީހުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެ އެވެ. ކިރިތި ޤުރްއާނުގެ ސޫރަތުއް ނޫރުގެ 4 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ، ޢިއްފަތްތެރި އަންހެނުންނަށް (ނުވަތަ ފިރިހެނުންނަށް) ޒިނޭގެ ތުހުމަތު އަޅުވައި، އެކަމަށް ހަތަރު ހެކިން ނުގެނެވޭ މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދު ޖެހުމަށެވެ. އަދި އެބައިމީހުންގެ ހެކިބަސް ދުވަހަކު ވެސް ގަބޫލު ނުކުރުމަށެވެ.

ކީރިތި ރަސޫލާގެ ސުންނަތް ރަސޫލާ صلى الله عليه وسلم ވަނީ ހަލާކުކޮށްލަނިވި ހަތް ފާފައިގެ ތެރޭގައި "ޢިއްފަތްތެރި މުއުމިނު އަންހެނުންނަށް ޤަޛްފުކުރުން" (ޒިނޭގެ ތުހުމަތު އެޅުވުން) ހިމަނުއްވާފައެވެ.

ޤިޔާސް އަދި އިޖުމާޢު

އިޖުމާޢު: ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި، ޝަރުޢީ ހެކި (4 ހެކިން ނުވަތަ އިޢުތިރާފް) ނެތި މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރުމަކީ ބޮޑު ފާފައެކެވެ.
ޤިޔާސް: އަންހެނަކު ފިރިހެނަކަށް ތުހުމަތު ކުރިޔަސް، ނުވަތަ ފިރިހެނަކު އަންހެނަކަށް ތުހުމަތު ކުރިޔަސް، ޙުކުމް ހަމަހަމައެވެ. ދެމީހުންގެ މެދުގައި ޒިނޭ ހިނގި ކަމަށް ބުނެ ހެކި ނުދެއްކިއްޖެނަމަ، އެ ބުނި މީހެއްގެ މައްޗަށް ޤަޛްފުގެ ޙައްދު (80 އެތިފަހަރު ޖެހުން) އަންނާނެއެވެ.

ދިވެހި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި އިސްލާމީ ޝަރީޢަތް:

ޤަޛްފު: ހެކި ނެތި މީހަކު ޒިނޭކޮށްފިކަމަށް ބުނުމަކީ ޖިނާއީ ކުށެކެވެ.
ހެކިބަސް: ޒިނޭ ސާބިތުކުރުމަށްޓަކައި ލޮލުން ދުށް 4 ފިރިހެން ހެކިން ބޭނުންވާނެއެވެ. ނުވަތަ ސައިންޓިފިކް ހެކި DN ފަދަ ތަކެތި) ބައެއް ހާލަތްތަކުގައި ގަރީނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.)

ޤަޛްފުގެ ރުކުންތައް (ކުށް ސާބިތުވާ ގޮތް):

އަންހެނަކު ފިރިހެނަކަށް ޒިނޭގެ ތުހުމަތުކޮށް، އެކަން ސާބިތު ނުކޮށްދެވިއްޖެ ނަމަ އޭނާގެ މައްޗަށް ޤަޛްފުގެ ކުށް ސާބިތު ވާނީ ތިރީގައިވާ ކަންކަން ފުރިހަމަވުމުންނެވެ:

ޞަރީޙަ ބަހުން ބުނުން: "އޭނާ އަހަންނާއެކު ޒިނޭކޮށްފިއެވެ." ނުވަތަ "އޭނާއަކީ ޒާނީއެކެވެ." ފަދަ ސީދާ ލަފްޒުތަކުން ބުނުން.
ޤަޞްދު: އެހެން މީހެއްގެ އަބުރަށް އަރައިގަތުމުގެ ނިޔަތުގައި ބުނުން.
ހެކި ނެތުން: ޒިނޭގެ ޢަމަލު ހިނގިކަމަށް ޝަރުޢީ ހަތަރު ހެކިން ނުދެއްކުން.

އަންހެން މީހާގެ އިޢުތިރާފާއި އޭގެ ނަތީޖާ:

އަންހެން މީހާ "އަހަރެމެން ދެމީހުން ޒިނޭކޮށްފީމޭ" ބުނުމަކީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވީ އިޢުތިރާފެކެވެ. އޭނާގެ އިޢުތިރާފުގެ ސަބަބުން އޭނާގެ މައްޗަށް ޒިނޭގެ ޙައްދު (ނުވަތަ ތައުޒީރީ އަދަބު) އަންނާނެއެވެ. ފިރިހެން މީހާގެ މައްޗަށް، ހަމައެކަނި އަންހެން މީހާގެ ބުނުމަކަށް ފިރިހެން މީހާގެ މައްޗަށް ޒިނޭ ސާބިތެއް ނުކުރެވޭނެއެވެ. އިސްލާމީ ޝަރީޢަތުގެ ގާއިދާއަކީ "އެއްވެސް މީހެއްގެ އިޢުތިރާފަކީ އަނެކެއްގެ މައްޗަށް އޮތް ހެއްކެއް ނޫނެވެ."
އިސްލާމީ ޝަރީޢަތުގައި "ބައްޔިނާ" (ހެކި)

އިސްލާމީ ފިޤުހުގެ މުހިންމު އުސޫލަކީ "البينة على من ادعى" މާނައީ: "ދަޢުވާކުރާ މީހާގެ މައްޗަށް ހެކި ދެއްކުން އޮތް" ކަމެވެ.

އަންހެން މީހާ: އަންހެންމީހާ "އަހަރެމެން ދެމީހުން ޒިނޭކޮށްފީމޭ" ބުނެ ދަޢުވާކުރުމަކީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ޒިނޭ ސާބިތުވާނެ ކަމެކެވެ.
ފިރިހެން މީހާ: ފިރިހެންމީހާ އެކަމަށް އިންކާރުކުރާ ނަމަ، އޭނާގެ މައްޗަށް ކުށް ސާބިތު ކުރަން އަންހެން މީހާ 4 ފިރިހެން ހެކިން ހުށަހަޅަން ޖެހޭނެއެވެ.

ދަޢުވާ ސާބިތުނުކޮށްދެވުމުގެ ނަތީޖާ (ޤަޛްފު)

އަންހެން މީހާ ދަޢުވާކޮށް، އެކަމަކު ޝަރުޢީ ހެކި (4 ހެކިން) ނުދެއްކިއްޖެނަމަ، މައްސަލަ އަނބުރާ އޭނާގެ މައްޗަށް އަންނާނެއެވެ.
ޤަޛްފުގެ ޙައްދު: ހެކި ނެތި މީހެއްގެ ބޮލުގައި ޒިނޭގެ އިލްޒާމް އެޅުވުމުން، ދަޢުވާކުރި އަންހެންމީހާގެ ގައިގައި 80 އެތިފަހަރު ޖެހުމަށް ޝަރީޢަތުން ޙުކުމްކުރާނެއެވެ.
އަދުލުވެރިކަން ގެއްލުން: އޭނާއަކީ "ފާސިޤެއް" ކަމުގައި ކަނޑައެޅި، ފަހުން އޭނާ ދޭ އެއްވެސް ހެކިބަހެއް ކޯޓުން ބަލައިނުގަންނާނެއެވެ. އަންހެނަކު ފިރިހެނަކާއެކު ޒިނޭކުރި ކަމަށް ބުނެ ދަޢުވާކުރާއިރު، އޭނާގެ އަތުގައި ކަށަވަރު ހެކި ހުންނަން ޖެހޭނެއެވެ. ހެކި ނެތި ކުރާ ދަޢުވާއަކުން ފިރިހެންމީހާއަށް އަދަބެއް ނުލިބޭނެއެވެ. މިއާ ޚިލާފަށް ދަޢުވާކުރި އަންހެންމީހާ އަމިއްލައަށް "ޤަޛްފު" ގެ ކުށުން ކުށްވެރިވާނެއެވެ. އިސްލާމީ ފިޤުހުވެރިން ބަޔާންކުރައްވާ ގޮތުގައި، މީހަކު ފާފައެއް ކުރަނިކޮށް ފެނުނު ކަމުގައި ވިޔަސް، ހަތަރު ހެކިން ހަމަނުވާނަމަ އެވާހަކަ ދެއްކުމަށްވުރެ ބޮޑަށް އޮތީ އެކަން ސިއްރުކުރުމެވެ. އެހެނީ ހެކި ހަމަނުކޮށް އެވާހަކަ ދައްކައިފިނަމަ، ތުހުމަތުކުރި މީހާ އަމިއްލައަށް ކުށްވެރިވެ، އޭނާގެ ޢަދުލުވެރިކަން ގެއްލިގެންދާތީއެވެ. އަންހެނަކު ފިރިހެނަކާ މެދު އެފަދަ ވާހަކައެއް ދެއްކުމަކީ ހެކި ނެތްނަމަ ޙަރާމް ކަމެކެވެ. އަދި އެއީ ދުނިޔެމަތީގައި ޤަޛްފުގެ ޙައްދު އަންނާނެ ބޮޑު ކުށެކެވެ. އިސްލާމީ މުޖުތަމަޢެއްގައި މިފަދަ ވާހަކަތައް ފެތުރުމުގެ ބަދަލުގައި އޮންނަނީ މީހުންގެ އައިބުތައް ފޮރުވުމާއި، ޝަރުޢީ މަރުޙަލާގެ ބޭރުން އަބުރަށް އަރައިނުގަތުމެވެ.

ރާޖިހު ރައުޔު:

ޢިލްމީ ގޮތުން ބަލާއިރު އެންމެ ބުރަދަން ހުރި ގޮތަކީ، އަންހެން މީހާ އަމިއްލައަށް އެކަން ކުރި ކަމަށް އިޢުތިރާފްވުމަކީ ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުވާނެ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ މައްޗަށްވެސް ކުށް ސާބިތުކުރަން ޖެހޭނީ ވަކިންނެވެ. އަންހެން މީހާ އިޢުތިރާފްވުމުން އޭނާގެ މައްޗަށް ޙުކުމް އަންނާނެއެވެ. ނަމަވެސް، އޭނާ ފިރިހެން މީހާގެ ނަން ބުނެ ތުހުމަތުކޮށް، އެކަމަށް ހަތަރު ހެކިން ނުދެއްކިއްޖެނަމަ، ފިރިހެން މީހާގެ މައްޗަށް ޒިނޭ ސާބިތެއް ނުވާނެއެވެ. އަދި އަންހެން މީހާގެ މައްޗަށް ޤަޛްފުގެ ޙުކުމް އަންނާނެއެވެ. (والله تعالي أعلم)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.