Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

ސިނާން ވާދަ ނުކުރަން ނިންމީ އާއިލާއަށް ވަގުތު ދޭން

ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރެއްވުމަށް ޓިކެޓު ލިބިވަޑައިގެންނެވި ނަމަވެސް، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ޓިކެޓު ދޫކޮށްލެއްވީ އާއިލާއާ އެކީ ވަގުތު ހޭދަކުރުމަށްޓަކައި ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެ އެވެ.

ސިނާން ޓިކެޓް ދޫކޮށްލެއްވުމުން ޕީއެންސީން ވަނީ ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު (ސޮޑާ) އަށް ޓިކެޓް ދިނުމަށް ނިންމައިފި އެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ، ބައި-އިލެކްޝަންގައި ވާދަ ނުކުރައްވަން ސިނާން ނިންމެވީ އަމިއްލައަށް ކަމަށާއި އެ ނިންމުން އޭނާ ނިންމެވީ ޕާޓީގެ ލީޑާޝިޕާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެ ނިންމުމަކީ އެއްގޮތަކަށް ވެސް ޕާޓީގެ ނިންމުމެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ.

"އެހެންވީމާ މި ވަގުތު ތިމަންނަ ބޭނުންވަނީ މި ދުވަސްކޮޅު ހަމަ އާއިލާއާ އެއްކޮށް ވަގުތު ހޭދަކުރުމަށްޓަކައި ސަޢީދަށް ޓިކެޓު އަރުވަން އެނގޭތޯ، އެއީ ޕާޓީގެ ލީޑާޝިޕާ ބައްދަލުކޮށް، ސިނާގެ އަމިއްލަ ނިންމެވުމެއް،" ފަލާހު ވިދާޅުވި އެވެ.

ސަޢީދާއި ސިނާނަކީ ގާތް ދެ ރަހުމަތްތެރިން ކަމަށް ވިދާޅުވެ، ދޮރުން ދޮރަށް ބާއްވާ ހަރަކާތްތަކުގައި ސިނާނާއި އޭނާގެ ސަޕޯޓަރުން ބައިވެރިވާކަން ފަލާހު ފާހަގަކުރެއްވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 12 ގަ އެވެ.

އަންނަ މަހުގެ 6 ގައި ބާއްވާ މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ.