Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އޭޑީއެޗްޑީއަށް ދޭ ބޭހެއް، މަނާ ލިސްޓުން އުނިކޮށްފި

އޭޑީއެޗްޑީ ބަލި މީހުންނަށް ބޭނުންވާ ބޭހަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ބޭހުގެ ގޮތުގައި ލިބޭނެ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ގަރާރަކުން ކަނޑައަޅުއްވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.

އެގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެންނަކަމަށް އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވެއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަންފަށާފަ އެވެ.

އެހެންކަމުން މި އިޞްލާޙާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރު ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.