Last Updated: June 4, 18:34
Thursday, June 4, 2026
ރިޕޯޓް

ލިޢާނުގެ އާޔަތްތައް ބާވައިލެއްވި ސަބަބު!

هلال بن أمية رضي الله عنه، އެކަލޭގެފާނުގެ އަނބިމީހާ شريكِ بنِ السَّحماءِ އާއެކު ޒިނޭކުރިކަމަށް، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތުހުމަތު ކުރެއްވިއެވެ. އެހިނދު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ހެކި ދައްކާށެވެ. ނޫންނަމަ ތިބާގެ ބުރަކަށީގައި ޙައްދު (ގަޒްފުގެ ޙައްދު) ޖެހޭނެއެވެ." هلال بن أمية رضي الله عنه ދެންނެވިއެވެ. "އޭ މާތް ނަބިއްޔާ صلى الله عليه وسلم އެވެ! އަހަރެމެންގެ ތެރެއިން މީހަކަށް އޭނާގެ އަނބިމީހާ ހިލޭ ފިރިހެނަކާއެކު ފާޙިޝް ޢަމަލެއް ކުރަނިކޮށް ފެނިއްޖެނަމަ، އޭނާ ހެކި ހޯދަން ދާންވީ ހެއްޔެވެ؟" ރަސޫލާ صلى الله عليه وسلم ތަކުރާރުކޮށް ޙަދީޘް ކުރައްވަމުން ގެންދެވީ. "ހެކި ދައްކާށެވެ. ނޫން ނަމަ ތިބާގެ ބުރަކަށީގައި ޙައްދު ޖެހޭނެއެވެ."

ދެން هلال بن أمية رضي الله عنه ދެންނެވިއެވެ: "ކަލޭގެފާނު ޙައްޤު ދީނާއިގެން ފޮނުއްވި ފަރާތް ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު މިދަންނަވަނީ ތެދެވެ. އަދި ތިމަންކަލޭގެފާނުގެ ބުރަކަށިން ޙައްދު ސަލާމަތްކޮށްދޭނޭ ބަސްފުޅެއް (ވަޙީއެއް) މާތް ބާވައިލައްވާނެކަން ކަށަވަރެވެ." އެހިނދު، އަންނަނިވި އާޔަތްތައް ބާވައިލެއްވިއެވެ. ﴿وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الصَّادِقِينَ ‎* وَالْخَامِسَةُ أَنَّ لَعْنَتَ اللَّهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ ‎* وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ‎* وَالْخَامِسَةَ أَنَّ غَضَبَ اللَّهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ ﴾‏ (سورة النور 6-9) (މާނައީ:އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ لعنة އޭނާގެ މައްޗަށް ހުރިކަމަށެވެ. ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حد ޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ."

ދެން ރަސޫލާ صلى الله عليه وسلم އެ ދެމަފިރިން ގެންނަވައި، ލިޢާން ކުރުވުމަށް އަމުރުކުރެއްވިއެވެ. هلال بن أمية رضي الله عنه ތެދުވެވަޑައިގެން ހުވާކުރެއްވިއެވެ. އެވަގުތު ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިޔަ ދެމީހުންކުރެ އެކަކީ ދޮގުވެރިއެއްކަން މާތްﷲ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔައިގެ ތެރެއިން ތައުބާވާނޭ މީހަކު ނެތްހެއްޔެވެ؟" އެއަށްފަހު އަންހެންމީހާ ތެދުވެ ހުވާކުރަން ފެށިއެވެ. ފަސްވަނަ (އަމިއްލަ ނަފްސަށް ގެ ކޯފާލެއްވުމަށް އެދި ކުރާ ހުވާ) ހަމައަށް ދިޔުމުން، އެތަނުގައި ތިބި މީހުން އޭނާއަށް ބުންޏެވެ. "މި ހުވައަކީ (ﷲ ގެ ޢަޛާބު) ވާޖިބުކުރާނޭ ހުވައެކެވެ."

ابن عباس رضي الله عنهما ވިދާޅުވިއެވެ. "އެހިނދު އެކަނބަލޭގެ ފަސްޖެހި، އިސްދަށަށް ޖަހައިގެން ހުއްޓެވެ. އެކަނބަލޭގެ ހުވާ ކުރުން ހުއްޓައިލައި ރުޖޫޢަވާނެ ކަމަށް ތިމަންބޭކަލުން ހީފުޅުކުރެއްވީމެވެ. ނަމަވެސް އެކަނބުލޭގެ ބުންޏެވެ. "މިއަދުގެ ފަހުން އަހަރެންގެ ޤައުމުގެ މީހުން ފަޟީޙަތެއް ނުކުރާނަމެވެ." (އެބަހީ: ކުށަށް އިޢުތިރާފުވެގެން އެމީހުން ލަދުގަންނާކަށް ބޭނުމެއް ނޫނެވެ.) އެއަށްފަހު އޭނާ ފަސްވަނަ ހުވާ ފުރިހަމަ ކުރިއެވެ.

ދެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އޭނާ ބަލާށެވެ. އޭނާ ވިހާ ދަރިފުޅުގެ ލޯ ކަޅުވެފައި، ފޫކޮޅު ބޮޑުވެފައި، ކޮނޑު ފުޅާވެފައިވާނަމަ، އެއީ شريكِ بنِ السَّحماءِ ގެ ދަރިއެކެވެ." އެއަށްފަހު އެ އަންހެންމީހާ ވިހޭއިރު، އެ ކުއްޖާގެ ސިފަތައް ހުރީ ރަސޫލާ صلى الله عليه وسلم ސިފަކުރެއްވި ފަދައިންނެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ﷲގެ ފޮތުގައިވާ ޙުކުމް (ލިޢާންގެ ޙުކުމް) އިސްވެ ގޮސްފައި ނުވާނަމަ، އަހަރެމެންނާއި އޭނާއާ (އެ އަންހެންމީހާއާ) ދެމެދު އެހެން ގޮތަކަށް ކަންތައް ކުރެވުނީހެވެ." (އެބަހީ: ލިޢާންގެ ސަބަބުން ދުނިޔަވީ ޢަޛާބުން އޭނާ ސަލާމަތްވީއެވެ.) (الراوي: أبو بكر الصديق، الألباني، صحيح الترمذي (٣١٧٩)، صحيح، أخرجه الترمذي (٣١٧٩) واللفظ له، وأخرجه البخاري (٤٧٤٧) باختلاف يسير)

ނޯޓް: މިއީ މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.