Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

އަނދަގޮނޑީގައި ތިބެންވެސް ތައްޔާރު، ފަހަތަކަށް ނުޖެހޭނަން

އަނދަގޮނޑީގައި ތިބުމަށް ވެސް ތައްޔާރަށް ތިބި ކަމަށާއި ފަހަތަކަށް ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ވިދާޅުވީ ކުޑަތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި މާދަމާ އަނެއްކާ އަނދަގޮނޑީގައި އޮންނަން ޖެހިއްޖެ ނަމަ އެކަމަށް ވެސް ތިބީ ތައްޔާރަށް ކަމަށެވެ.

"ވަރަށް ތައްޔާރަށް މިތިބީ އަނދަގޮނޑީގައި ތިބުމަށް. އެއީ ބިނޑި އެޅިޔަސް، ޗޭނު ޖެހިޔަސް، އަނދަގޮނޑި ޖެހިޔަސް، ކުޑަގޮޅިއަށް ލިޔަސް. މި ވާހަކަ، އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ދެއްކުން ހުއްޓައެއް ނުލާނަން،" ނަޝީދު ވިދާޅުވި އެވެ.

"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ އަމިއްލަ ޒާތީ ކަންކަމާއި ބެހިވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށާއި ނަމަވެސް ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް އަރައިގަންނާތީ ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދީފައި އޮންނަން ޖެހެނީ މަޖަލަކަށް ނޫން ކަމަށާއި އެފަދަ ކަންކަމަކީ ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައި ހުރި ކަންކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.