Last Updated: July 12, 16:37
Sunday, July 12, 2026
ޚަބަރު

ނޫސްވެރިން ޖަލަށްލުމަކީ ވެރިކަން ނިމުމުގެ ފެށުން

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ނޫސްވެރިން ޖަލަށްލާންޖެހޭ ހިސާބަށް ދިޔުމަކީ ވެރިކަން ނިމުމުގެ ފެށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

އެކަމާ ގުޅިގެން އުމަރު ވިދާޅުވީ ނޫސްވެރިން ޖަލަށްލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް އައުމަކީ އެވެރިކަމެއްގެ ނިމުމުގެ ފެށުން ކަމަށާއި މިއީ ރާއްޖޭގެ ތާރީހުން ވެސް ފެންނަން އޮތް ކަމެއް ކަމަށެވެ.

ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު އެހެން ފަރުދުންނާ ހިލާފަށް، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެއް ކަމަށާއި ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ އާންމު އެހެން ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ވެރިން ހުތުރުކަމެއްގައި ބައިވެރިނުވާކަން ސާބިތުވާން ޖެހޭނީ ޝަރުއީ ކޯޓަކު ނޫން ކަމަށާއި މައުސޫމްކަން ސާބިތުކުރަން ޖެހެނީ "ކޯޓް އޮފް ޕަބްލިކް އޮޕީނިއަން'ގަ އެވެ. އަދި އާންމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއް މައުސޫމްކަމަށް ބުރަވެވެން ޖެހޭ ކަމަށާއި ކުރެވޭ ތުހުމަތަށް އޮތް ހަމައެކަނި ޖަވާބަކީ "ދޮގެކޭ" ބުނުމަކުން ނުފުދޭ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.

ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.