ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިއަދު މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން ނޫން އަދި ނިގުޅައިގަނެގެން އަތުލައިގަނެގެނެއް ނޫން ކަމަށާއި މިއަދު މިއުޅެނީ މި ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް، ކޯޓަކަށް އަދި ޖަލަށްވެސް ނުލާ ކަމަށާއި އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ވެސް ލިބޭ ކަމަށް ހީނާ ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން ކަމަށެވެ.
"ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ. އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ. ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް. ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހި ވެސް ސަރުކާރަށް ފާޑުކިޔާ ޒިންމާދާރު ކުރެވޭނެ،" ހީނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.