Last Updated: July 11, 10:01
Saturday, July 11, 2026
ޚަބަރު

އެމްއެމްއޭގެ ބްރޭންޑް ފަރުމާކޮށްގެން 100،000ރ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ ރަސްމީ "ފައިނޭންޝަލް ލިޓްރަސީ ބްރޭންޑް އައިޑެންޓިޓީ" އާއި "މެސްކޮޓް" ޑިޒައިންކުރުމަށް މުބާރާތެއް އިއުލާން ކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ މިކަމުގެ ބޭނުމަކީ މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ، ވަރުގަދަ އަދި ފަސޭހައިން ވަކިކުރަން އެނގޭނެ ގައުމީ އައިޑެންޓިޓީއެއް ބިނާކުރުން ކަމަށެވެ.

މި މުބާރާތުގެ މަގުސަދަކީ ޒިންމާދާރު މާލީ އާދަތައް ކުރިއަރުވައި، މާލީ ނިންމުންތައް ނިންމުމުގެ ބާރު ލިބި، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް ޒުވާނުންގެ މެދުގައި ރަނގަޅު މާލީ އާދަތައް އަށަގެންނެވުމަށް މަގުފަހިކޮށްދޭނެ ފުރިހަމަ ބްރޭންޑިން ނިޒާމެއް އެކުލަވައިލުން ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

މީގެ ތެރޭގައި މެސްކޮޓް، ފައިނޭންޝަލް ލިޓްރަސީގެ ބްރޭންޑް ލޯގޯ އަދި ޓައިޕޯގްރަފީ ފަރުމާކުރުން ވެސް ހިމެނެ އެވެ. އެ މުބާރާތަށް ހުށަހަޅާ ފަރުމާތަކަކީ ދިވެހިވަންތަކަން ރަމްޒުކޮށްދޭ، ސަގާފީ ގޮތުން ގުޅުންހުރި އަދި ޒަމާނީ ފަރުމާތަކަކަށް ވާންޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އުންމީދަކީ އެ ބްރޭންޑް މެދުވެރިކޮށް ފައިސާ ރައްކާކުރުމާއި، ބަޖެޓުކުރުން އަދި ޑިޖިޓަލް ފައިނޭންސް ފަދަ މުހިންމު ދާއިރާތަކުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުންކަމަށް އެމްއެމްއޭއިން ބުންޏެވެ. އެ މެސްކޮޓް ވެގެންދާނީ ސްކޫލުތަކާއި، މީޑިއާ ކެމްޕެއިންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ "މާލީ އެކުވެރިއަކަށް" ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ދިވެހި ފަރުދުންނަށާއި، ގްރޫޕްތަކަށް އަދި ކުންފުނިތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ އެ މުބާރާތުގައި، ހޮވޭ އެންމެ ފުރިހަމަ ފަރުމާ ވެގެންދާނީ ރާއްޖޭގެ މާލީ ހޭލުންތެރިކަމުގެ ރަސްމީ ބްރޭންޑަށްކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުންތައް އީމެއިލް ކުރަންޖެހޭނެ ކަމަށާއި، މުބާރާތާ ގުޅޭ އިތުރު މައުލޫމާތާއި އުސޫލުތައް އެ އޮތޯރިޓީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.