އަކްޝޭ ކުމާރާއި ވިދިއާ ބާލަންގެ އާއިިލީ ކޮމެޑީ ފިލްމު މި އަހަރުގެ ޑިސެންބަރު 4 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ނަން އަދި ހާމަނުކުރި ނަމަވެސް ޝޫޓިންގެ ބޮޑު ބައެއް ނިންމާފައިވާ މި ފިލްމަކީ ކާމިޔާބު ޑައިރެކްޓަރު އަނީސް ބަޒްމީ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ވިދިއާ މުހިއްމު ރޯލެއް ކުޅުނު 2024 ގެ ހޮރޯ-ކޮމެޑީ 'ބޫލް ބުލައްޔާ 3' އެވެ.
އަނީސްގެ އާ ފިލްމުގެ ކާސްޓުން އަކްޝޭ އާއި ވިދިއާ އެކީގައި ފެނިގެންދާ އިރު، މި ދެ ތަރިން އެކީގައި ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވެ އެވެ. އެއީ 2007 ކޮމެޑީ 'ހޭ ބޭބީ' އާއި އެ އަހަރުގެ ހޮރޯ-ކޮމެޑީ 'ބޫލް ބުލައްޔާ' އެވެ.
ދާދި ފަހުން ކެރަލާގައި ވެސް ޝޫޓިން ޝެޑިއުލްއެއް ނިންމައިލި އަނީސްގެ އާ ފިލްމުގެ ކާސްޓްގައި އަކްޝޭ އާއި ވިދިއާއާ އެކު ދެކުނުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ރާޝީ ކަންނާ ވެސް ހިމެނެ އެވެ. އޭނަ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ފަރުހާން އަޚްތަރުގެ '120 ބަހާދޫރު' ގެ ވެސް ބަތަލާ އެވެ.
ދިލް ރާޖޫ ޕްރޮޑިއުސްކޮށް އަނީސް ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ވިޖޭ ރާޒް އާއި ސުދޭޝް ލެހެރީ ވެސް ހިމެނެ އެވެ.
އަކްޝޭއާ އެކު އަނީސް ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި 'ވެލްކަމް'، 'ސިންގް އިޒް ބްލިންގް' އަދި' ތޭންކް ޔޫ' ހިމެނެ އެވެ.
އަކްޝޭގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ޕްރިޔަދަރްޝަން ޑައިރެކްޓްކޮށް މިދިޔަ މަހު ގެނެސްދިން ކޮމެޑީ ހޮރޯ 'ބޫތު ބަނގްލާ' އެވެ.