ހުޅަނގު މޫސުމުގެ ކެތި ނަކަތާ މިއޮތީ ލައިގެންފަ އެވެ.
ކެތި ނަކަތް ހިނގާނީ މެއި މަހުގެ 6-19 އަށެވެ. މިއީ ހުޅަނގު މޫސުމުގެ 3 ވަނަ ނަކަތެވެ. މި ނަކަތުގައި ވިއްސާރަ ވިލާ ގިނަވާން ފަށާނެ އެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ފެށޭނެ އެވެ. މަސްވެރިންކަން މި ދުވަސްވަރު ދަށްވާނެ އެވެ. އާންމު ގޮތެއްގައި އުޑުމަތި ބަނަވާނެ އެވެ. ދޭތެރެ ދޭތެރެއިން ވާރޭ ވެހޭނެ އެވެ.
އިހުގައި މީހުން ޤަބޫލުކުރާ ގޮތުން މި ނަކަތުގައި ހަތް ކޮޅިގަނޑެއް ލައިގަންނާނެ އެވެ. މިއީ ވަޔާއި ވާރެއާ އެކުވެގެން އަންނަ ވިއްސާރަވިލާގަނޑުތަކެވެ. ބައެއް ފަހަރު ގަދަ ވިދުމާ އެކު ބާރަށް ގުގުރި ޖަހާނެ އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނާނީ ކެތި ނަކަތުންނެވެ. މި ނަކަތުގައި އެވްރެޖްކޮށް 4.41 އިންޗީގެ ވާރޭ ވެހޭނެ އެވެ. ވައި ޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް 20.37 ކިލޯމީޓަރުގައެވެ. އެވްރެޖްކޮށް އަވިދީފައި އޮންނާނީ 97.4 ގަޑިއިރުއެވެ. ކެތި ނަކަތަށް ފަހު އަންނާނީ ރޯނު ނަކަތެވެ.
މި ނަކަތުގައި ޒަމާނުއްސުރެ ދިވެހި ކާބަފައިން ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެ އެވެ.
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.