ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި ވެރިއެއްގެ ނިމުން ވަރަށް ހިތިވާނެ ކަމަށް ވިދާޅުވެ ނުސީދާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށް ލާން އިއްޔެ ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ވިދާޅުވީ "އޭނަ އިސްވެ ހުރެ އެމީހުން ޖަލަށް ލާފައި މާދަމާ އޭނަ ޖަލުގެ ތެރެއިން ސަލާމަތެއް ނުވެވޭނެ" ކަމަށެވެ.
"އޭނައާ އިންސާފު އަރާ ހަމަކުރާނެ. އެދުވަހު އޭނަ އަށް ފިލާ ނޯވެވޭނެ. އޭނަ އިސްވެ ހުރެ ރައްޔިތުންގެ ތިޖޫރީން ކުރި ވައްކަންތަކާއި، އޭނަ އަންގައިގެން ރައްޔިތުންގެ ކުންފުނިތަކުގެ ވެރިން ލައްވާ ވަގަށް ފައިސާ ނަގައިގެން އޭނަގެ ޓީވީ އާ އޭނާގެ ޕާޓީ އަށް ހަރަދު ކުރި ފައިސާތަކުގެ މައްސަލަތަށް ތަހުގީގުކޮށް އޭނަ ޖަލުގެ ތޭރިތަކުގެ ތެރެއަށް ކޮއްޕާ ނުލާނެ ހަމަ އެެއްގޮތެއް ވެސް ނޯންނާނެ،" އައްބާސް ވިދާޅުވި އެވެ. "މީގެ އިތުރުން އޭނަ ބުނެގެން ވައްކަންކުރި ވެރިންނާ ހަރާމް ހުކުން ޖެހި ގާޒީން ގެ މައްސަލަ ބަލާ ޖަލުގެ ތޭރިތަކުގެ ތެރެއަށް ލެވިގެން ދާނެ."
"އަދަދު" ގެ ނޫސްވެރިންގެ ތެރޭގައި ހިމެނޭ ލީވާން އަހުމަދު ނަސީރާއި މުހައްމަދު ޝަހްޒާން ޖަލަށްލީ ރައީސްއާ ގުޅޭ ގޮތުން ގެނެސްދިން ޑޮކިއުމަންޓަރީއެެއްގެ މައްސަލައެއްގަ އެވެ. އެ ޑޮކިއުމަންޓަރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.