Last Updated: July 12, 16:37
Sunday, July 12, 2026
ޚަބަރު

ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވުނު

ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ފަށަނީ ހެނދުނު 9:00 ގަ އެވެ. ނަމަވެސް އެ ވަގުތަށް މިއަދުގެ ޖަލްސާ އަށް ކޯރަމް ހަމަނުވާތީ ޖަލްސާ ފަށާ ވަގުތު 10:00 އަށް ފަސްކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20 ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 އެވެ.

ނަމަވެސް 10:00 ޖަހައި ބޮޑުވި އިރު ވެސް ކޯރަމް ހަމަނުވުމާ ގުޅިގެން މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވަނީ ކޯރަމް ހަމަވެފައި ނުވާތީ މިއަދު ޖަލްސާ ކެންސަލްކޮށްފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އެހެންވެ ދެން މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ހިނގާ ދައުރުގެ ޖަލްސާތައް ނިމި މަޖިލިސް ޗުއްޓީއަށް ދާ ގޮތަށް ވެސް އޮތީ މާދަމާ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށެވެ.