Last Updated: July 11, 10:01
Saturday, July 11, 2026
ޚަބަރު

އައްޑޫ ބިޒްނެސް ޑައިލޮގް ފަށައިފި

އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ އައްޑޫ ބިޒްނެސް ޑައިލޮގް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްފައި މި ހަރަކާތް ކުރިއަށް ދާނީ މިއަދާއި މާދަމާ އެވެ.

ހިތަދޫ ސްކޫލްގައި ކުރިއަށް ގެންދާ އައްޑޫ ބިޒްނެސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތު ވިޔަސް ގައުމުގެ އިގްތިސާދު ކުރިއެރުވޭނީ ހުރިހާ ފަރާތްތަކުން އެކައްޗެއް ކިޔައިގެން އެކީގައި މަސައްކަތްކޮށްގެން ކަމަށެވެ.

އޭނަ ވިދާޅުވި އައްޑޫގައި ފެށި ބިޒްނެސް ޑައިލޮގް އަކީ އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށެވެ. ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އިގްތިސާދީ އަދި ތަރައްގީގެ ކަންކަމުގައި ރައީސް ލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ނަމަވެސް ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން އައްޑު އަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލާނެ ކަމަށް ވިދާޅުވިއެވެ.

"އައްޑޫގެ ރައްޔިތުން، އައްޑޫގެ ވިޔަފާރިވެރިންގެ ހިތްޕުޅުގައި އެބޭފުޅުންނަށް އެނގޭނެ އައްޑުއަށް ދިމާވާ ދަތިތައް. ހުރި ދަތިތައް. ގޮންޖެހުންތައް. ހުރަސްތައް. އެ ހުރަސްތައް، ދަތިތައް، ގޮންޖެހުންތައް އޯވަކަމްކޮށްފައި ކުރިއަށްދެވޭނެ ގޮތްތަކަކީ މިހިރަ ފެންނަނީއޭ، ސައީދު ވިދާޅުވި އެވެ. "ސަރުކާރުން މި ކަންކަން ކޮށްދޭށޭ. ނުވަތަަ ސަރުކާރުން މިކަންކަން ކޮށްދި ނީމަ ތިމަންނަމެނަށް ތިމަންނަމެންގެ ސްޕީޑުގައި ކުރިއަށް ދެވޭނެއޭ. މި ވިސްނުން އަޅުގަނޑުމެން ބޭނުން ވަނީ."

އޭނަ ވިދާޅުވީ މަޝްވަރާގެ މަގުން ކުރެވޭ ކަންކަން ކާމިޔާބު ވާނެ ކަމަށެވެ. އަދި އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެކަށީގެންވާ ލޭންޑް، އެކަށީގެންވާ ލޭބަ، އެކަށީގެންވާ ފައިސާ ލިބިގެން މިކަންކަން ކުރެވޭނީ. އެއީ ކުރެވޭނެ ގޮތްކަން އަޅުގަނޑުމެން އެންމެނަށްވެސް ޤަބޫލުކުރެވޭ. އެކަމަކު މިކަންކަން ފެސިލިޓޭޓް ކުރުމުގައި ސަރުކާރަށް އެކަންޏެއް އަޅުގަނޑަަކަށް ހިޔެއް ނުވޭ މިކަންކަން ކުރެވޭނެހެނެއް،" ސައީދު ވިދާޅުވި އެވެ. "މިކަންކަން ކުރުމުގައި ސިޓީ ކައުންސިލް ވެސް މުހިންމު ވާނެ. ކައުންސިލާސްގެ އިމްޕުޓް ވެސް މުހިންމު ވާނެ. މުވައްސަސާތަކުގެ އިންޕުޓްވެސް މުހިންމުވާނެ. އަދި ވިޔަފާރިވެރިންގެ އިމްޕުޓްސްވެސް މުހިންމު ވާނެ."

އައްޑޫ ބިޒްނެސް ޑައިލޮގްގައި އެކި ދާއިރާތަކުން މަސައްކަތްކުރާ ވިޔަފާވެރިން ބައިވެރިވެ އެވެ.