އެއީ ނޮވެންބަރު 10، 1917 ވަނަ ދުވަހެވެ. އެމެރިކާގެ ބޮސްޓަންގެ އަސްކަރީ މަރުކަޒުގައި އުމުރުން އެންމެ 19 އަހަރުގެ ޕްރައިވެޓް ޖޭމްސް ސުލިވަން ހުރީ އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި، ބަޑިޖަހައި މެރުމަށް ތައްޔާރަށް ތިބި ސިފައިންގެ ފައުޖެއްގެ ކުރިމަތީގައި ކަނުބަނދެފަ އެވެ. އޭނާގެ މައްޗަށް އަސްކަރީ ކޯޓަކުން މަރުގެ ހުކުމް އިއްވީ ހަނގުރާމައިގެ ދުވަސްވަރު ސިފައިންގެ ތެރެއިން ފިލައިގެން ދިއުމުގެ ކުށުގައެވެ. ނަމަވެސް، އެ ވަގުތާ ހަމައަށް ވެސް އޭނާ ފިލަންޖެހުނު ހަގީގީ ސަބަބެއް އެކަކަށް ވެސް ނޭނގެއެވެ.
ޖޭމްސްގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމް އިއްވީ އުމުރުން 55 އަހަރުގެ ކާނަލް ވިލިއަމް މޮރިސަން އެވެ. އޭނާ ޙުކުމް އިއްވަވަމުން ވިދާޅުވިއެވެ. "ޕްރައިވެޓް ޖޭމްސް ސުލިވަން، ހަނގުރާމައިގެ ވަގުތެއްގައި ސިފައިންގެ ތެރެއިން ފިލައިގެން ދިއުމުގެ ސަބަބުން، ތިބާގެ މައްޗަށް މަރުގެ އަދަބު އިއްވައިފީމެވެ."
އެވަގުތު ޖޭމްސް ވަރަށް ބާރަށް ބުންޏެވެ. "ސާ، އަޅުގަނޑުގެ އެންމެ ފަހު ބަސް ބުނުމުގެ ފުރުސަތަކަށް އެދެމެވެ."
ކާނަލް އެ ފުރުސަތު ދެއްވުމުން ޖޭމްސް ބުންޏެވެ. "އަޅުގަނޑު ސިފައިންގެ ތެރެއިން ފިލީ، އަޅުގަނޑު އަސްކަރީ ތަމްރީނުގައި ހުއްޓާ، އަޅުގަނޑުގެ 12 އަހަރުގެ ކޮއްކޮ ރޯޒް، 41 އަހަރުގެ ފިރިހެނަކާ މަޖުބޫރުން ކައިވެނިކުރުވިކަން އެނގުމުންނެވެ. އަޅުގަނޑުގެ ބައްޕަ އެ މައުސޫމް ކުއްޖާ ވިއްކާލީ 600 ޑޮލަރަށެވެ. އަޅުގަނޑު ފިލައިގެން ދިޔައީ އެ ކޮއްކޮ ސަލާމަތްކުރާށެވެ. އަޅުގަނޑަށް އެ ކޮއްކޮ ފެނުނު އިރު އޭނާ އިނީ ބަލިވެއެވެ. އަޅުގަނޑު އެ ކޮއްކޮ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމަށް ފަހު، އަނބުރާ އައިސް އަމިއްލައަށް ސިފައިންނާ ހަވާލުވީއެވެ. އަޅުގަނޑު މަރުގެ އަދަބަށް އިއުތިރާޒެއް ނުކުރަމެވެ. ނަމަވެސް، އަޅުގަނޑު ފިލީ ބިރުގަތްގެން ނޫންކަމާއި، ކުޑަކުއްޖަކު އެންމެންނަށް އެނގެން ބޭނުމެވެ."
މި ވާހަކަތައް އިވުމާއެކު، ކާނަލް މޮރިސަން ވަގުތުން މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓުވި އެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަމުރު ކުރެއްވި އެވެ. އަސްކަރިއްޔާއިން ކުރި ތަހުގީގުން ޖޭމްސްގެ ވާހަކައިގެ ތެދުކަން ހާމަވި އެވެ. އެއާއެކު، ރޯޒްގެ ފިރިމީހާ އާއި ބައްޕަ ހައްޔަރު ކުރެވުނެވެ. އަދި ޖޭމްސް އަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި، އޭނާގެ ހިތްވަރުގަދަކަމަށްޓަކައި އިއްޒަތާއެކު ސިފައިންގެ ވަޒީފާއިން ވަކި ކުރެވުނެވެ.
ޖޭމްސް ސުލިވަން ނިޔާވީ 1979 ގަ އެވެ. އުމުރުން 81 އަހަރުގައި ނިޔާވުމުގެ ކުރިން އޭނާ އެ ހާދިސާ ހަނދާން ކުރަމުން ބުންޏެވެ.
"އެ ދުވަހު އަޅުގަނޑު ހުރީ މަރުގެ ތުންފަތްމަތީގައެވެ. އަޅުގަނޑުގެ ކޮއްކޮ ސަލާމަތްކުރުމަށްޓަކައި މަރުވާން ވެސް އަޅުގަނޑު ހުރީ ތައްޔާރަށެވެ. ނަމަވެސް އަޅުގަނޑު ބުނި ތެދު ބަސްތަކުގެ ސަބަބުން، އަޅުގަނޑުގެ ފުރާނަ ސަލާމަތްވެ، ކޮއްކޮ އަށް އަނިޔާވެރިވި މީހުންނަށް ހައްގު އަދަބު ލިބުނެވެ. އެ ދުވަހު ބަޑިޖަހާ ފައުޖަށް އެންމެ ވަޒަނެއް ވެސް ފޮނުވައެއް ނުލެވުނެވެ. ހަގީގަތުގައި ވެސް، ބައެއް ފަހަރު ބަޑީގެ ވަޒަނަށް ވުރެ ދުލުން ބުނާ ތެދު ބަހުގެ ބާރު މާ ގަދަ އެވެ."
މިއީ ވަރަށް އަސަރުގަދަ އަދި ޝައުގުވެރި ވާހަކައަކަށް ވީނަމަވެސް، ބައެއް މަސްދަރުތަކުން މިއީ މީސް މީޑިއާގައި ފެތުރެމުންދާ "ހިސްޓޮރިކަލް ފިކްޝަން" ނުވަތަ ހިޔާލީ ވާހަކައެއް ކަމަށް ދަނީ ބުނަމުންނެވެ.
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.