ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތައް ރަޖިސްޓަރީ ވެވޭނީ މާދަމާގެ ނިޔަލަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ބުނީ އެ މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އާ ދިރުމެއް ގެނެސްދިނުން ކަމަށެވެ.. މި މުބާރާތް ކުރިއަށް ދަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރު ކުރުމާއި ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ ސްވެނިއާ ތައްޔާރުކުރުމެވެ..
މުބާރާތަށް ސްވެނިއާގެ ގޮތުގައި ޑިޒައިން ކުރާނީ އެމްއެމްއޭ އިން ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުން ކުރެވޭނެ ފަދަ އެއްޗެކެވެ. އަދި އާޓްވޯކް އުފެއްދުމުގައި ކުނޑިކޮށްފައިވާ ފައިސާއަކީ އެ އާޓްވޯކެއް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މާއްދާއަށް ޖެހޭނެ އެވެ.
މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް ޖުލައިގައި އެމްއެމްއޭ އިން ބާއްވާ ނިންމާފައިވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކައިލަން ބަހައްޓާނެ އެވެ.
މުބާރާތުގެ ދެ ކެޓަގަރީގައި ވަކިވަކި ފަރުދުންނަށް ވެސް، ޓީމެއްގެ ގޮތުގައި ވެސް އަދި ވިޔަފާރިތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ. އަދި ބޭނުން ނަމަ ދެ ކެޓަގަރީގައި ވެސް ވާދަ ކުރެވޭނެ އެވެ.
މުބާރާތުގެ ދެ ކެޓަގަރީ އަށް ވެސް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާ އިރު ސްވެނިއާ ޑިޒައިންކުރުމުން ވަނަ ވަނަ އަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއާއެކު ވަކި އެއްބަސްވުމުގެ ދަށުން ސްވެނިއާ އުފެއްދުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.