Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބިދޭސީން އެތެރެ ކުރަން އަލުން އޭޖެންސީތައް އުފައްދަނީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ބިދޭސީން ގެނައުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރިއެކޭ އެއްގޮތަށް އެޖެންސީތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ، ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ މަސައްކަތުގައި 2005-2012 އާ ހަމައަށް އެޖެންސީތަކުގެ ދައުރު ވަރަށް ބޮޑަށް އޮތީ ހަނިކޮށްފައި ކަމަށެވެ.

އެހެންވެ ބިދޭސީން މެދުވެރިވެގެން، ރާއްޖެއަށް އިތުރު ބިދޭސީން އެތެރެކުރުމުގައި ގަވާއިދުގައި ހުރި ބާގަނޑުތަކުގެ ނާޖާއިޒު މަންފާ ނަގަމުން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ބިދޭސީން އެތެރެކުރުމުގެ ކަންކަން ކޮށްފައި ވަނީ 3،000-15،000 ޑޮލަރުގެ އަދަދުތަކުން ބިދޭސީންގެ އަތުން ފައިސާ ނައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ އެކަން ހުއްޓުވުމަށް، ބިދޭސީން ރާއްޖެއަށް އެތެރެކުރާނެ އޭޖެންސީތައް ގާއިމުކޮށް، އެފަރާތްތައް އޮޑިޓްކުރެވޭނެ ނިޒާމުގެ އިތުރުން، އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ގާނޫނުގައި ކަނޑައަޅައި ބަޔާން ކުރަން ޖެހޭ ގޮތަށް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުރިހަމައަށް ބަލަހައްޓާ އެއް ގައުމަށް މި ރިޔާސީ ދައުރުގެ ތެރޭގައި ހަދައި ނަމޫނާ ދައްކަވާނެ ކަމަށް ވިދާޅުވިއެވެ.