Last Updated: July 12, 16:37
Sunday, July 12, 2026
ޚަބަރު

މިއީ ތިން ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތްކުރަންވީ ވަގުތު

މިއީ ކުރީގެ ތިން ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތްކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމާ ހަވާލުވެވަޑައިގަންނަވަން ކުރެއްވި ހުވަޔާ ހިލާފުވެ، ބުއްދި ފިލައިގޮސް މުޅި ދައުލަތް ހިސޯރު ކުރައްވާފައި ކަމަށެވެ.

މިދަނޑިވަޅަކީ ތަފާތު ސިޔާސީ ވިސްނުންތައް އެއްފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ވަގުތު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި މިއީ އިދިކޮޅު ލީޑަރުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހް، އަދި ރައީސް އަބްދުﷲ ޔާމީން އެކުގައި ނިކުމެވަޑައިގެން ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުން ތިބީ އެ ތިން ރައީސުންނާ އެކު، މި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ތައްޔާރަށް ކަމަށާއި އެ މަސައްކަތް ފަސްނުޖެހި ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުން މަސައްކަތް ކޮށްދެއްވުމަށް ވެސް ފައްޔާޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.