Last Updated: July 11, 10:01
Saturday, July 11, 2026
ރިޕޯޓް

މަބްރޫރު ޙައްޖެއްގެ މަތިވެރިކަން ބޮޑު!

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އަޅުކަމުގެ ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ އަނެއްބައި ކަންކަމަށް ވުރެ ހެޔޮކަން އިތުރުވެގެންވާ ކަންކަމެވެ. އެއްވެސް ކަމެއް އަނެއް ކަމަކަށްވުރެ އިތުރުވެގެންވާކަން އެނގޭނީ، އުއްމަތުގެ ނަބިއްޔާ صَلَى اللَّهُ عَلَيهِ وَسَلَّمَ އެކަމެއް ބަޔާންކޮށް ދެއްވުމުންނެވެ. އެކަލޭގެފާނު ކަމެއް ބަޔާންކޮށް ދެއްވުމުގެ މާނައަކީ اللَّهُގެ ޙަޟުރަތުން އެކަލޭގެފާނަށް އަންގަވާ އެންގެވުމަކާ އެއްގޮތްވާގޮތުގެމަތިން ބަޔާންކޮށްދެއްވާ ބަޔާންކޮށްދެއްވުމެއް ކަމަށްވުމެވެ. މި ބަހުގެ ދަލީލަކީ، اللَّهُގެ މިދަންނަވާ ވަޙީ ބަސްފުޅެވެ. {وَمَا يَنْطِقُ عَنِ الهَوَى * إِنْ هُوَ إلاَّ وَحْيٌ يُوْحَى.} (سُورَةُ النَّجْمِ: 3-4) މާނައީ: {އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. * އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ.}

ޙައްޖުގެ މަތިވެރިކަން ބަޔާންވެގެންވާ ޙަދީޘެއް މާތް اللَّهُ އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. عَنْ أَبِى هُرَيرَةَ t، قَالَ: سُئِلَ النَّبِيُّ صَلَى اللَّهُ عَلَيهِ وَسَلَّمَ أَيُّ العَمَلِ أَفْضَلُ؟ قَالَ: {إِيْمَانٌ بِاللَّهِ وَرَسُولِهِ.} قِيْلَ: ثُمَّ مَاذَا؟ قَالَ: {الْجِهَادُ فِي سَبِيلِ اللَّهِ.} قِيْلَ: ثُمَّ مَاذَا؟ قَالَ: {حَجٌ مَبْرُورٌ.} (مُتَّفَقٌ عَلَيهِ) މާނައީ: މާތް اللَّهُ، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. އެންމެ އިތުރުކަން ބޮޑު ޢަމަލަކީ ކޮބައިތޯ، މާތްނަބިއްޔާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގެ އަރިހުގައި ސުވާލުދެންނެވުނެވެ. (އެ ހިނދު) ޙަދީޘްކުރެއްވިއެވެ. (އެއީ) {اللَّهُ އާއި އެކަލާނގެ ރަސޫލާއަށް އީމާންވުމެވެ.} ދެންނެވުނެވެ. ދެން ކޮން ކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (އެއަށް ފަހު) {اللَّهُ ގެ މަގުގައި ޖިހާދުކުރުމެވެ.} ދެންނެވުނެވެ. ދެން ކޮން ކަމެއްތޯ އެވެ؟ ޙަދީޘްކުރެއްވިއެވެ. (އެއަށް ފަހު) {މަބުރޫރު ޙައްޖެއްވުމެވެ.} (މިއީ އަލްބުޚާރީ އާއި މުސްލިމު ނެރުއްވާފައިވާ ޙަދީޘެކެވެ.)

މިދުވަސްވަރަކީ، ޙައްޖުގެ އަޅުކަމުގެދުވަސްވަރެވެ. އެ މާތް އަޅުކަމަށް ނިޔަތްގަނެގެންތިބި އެތަކެއް ލައްކަ މީހުން ދުނިޔޭގެ ކަންކޮޅުތަކުން މާތްވެގެންވާ މައްކާއަށް ޖަމާވަމުންދާ ދުވަސްވަރެވެ. ކޮންމެ މީހެއްގެ ވެސް އެދުމަކީ އެ މީހެއްގެ ފާފަތައް ފުހެވި، ދިނިގެންވާ މީހަކުކަމުގައިވުމެވެ. ނަމަވެސް އެކަން ފުރިހަމަވުންވަނީ، ޙައްޖުގެ އަޅުކަމުގެތެރޭގައި اللَّهُ ނަހީކުރެއްވި ކަންކަމުން ދުރުވެގެންނެވެ.

ކަމުގެ ޙަޤީޤަތް އޮތްގޮތަކީ މިއީއެވެ. ކަންމިހެން އޮތުމާއެކު ވެސް ޢާއްމު ދިރިއުޅުމުގައި ގިނަބަޔަކަށް އާދަވެފައިވާ ކަންތައްތަކުން އެ މުހިއްމު ވަގުތުގައި ވެސް އެއްކިބާވުމަކީ ބައެއް މީހުންނަށް ދަތި އުނދަގޫ ކަމެއް ކަމުގައިވެއެވެ. މިއަދުގެ ދިރިއުޅުމުގައި ގިނަބަޔަކަށް އާދަވެފައިވަނީ، ކަންފަސޭހަކަމާއެކު އެއްވެސް ޖެހިލުންވުމަކާނުލައި މީސްތަކުންގެ އަބުރާބެހި ނެތިނުބައިކިޔައި އުޅުމެވެ.

ނަތީޖާއަކަށް ވަނީ، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ވެސް ލިބޭ ހުސްވަގުތުތަކުގައި މީސްމީހުންގެ އަބުރަށް އަރައިގަތުމާއި، މީސްތަކުންނަށް އާޑަފުރައްސާރަކޮށް ނެތިނުބައިކިޔުންފަދަ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަންކަމަށް އަރައިގަނެވޭ ގޮތްވުމެވެ. ކުދިކުދި ކަންކަމާ ރުޅިއިސްކޮށް މައްސަލަ ޖެއްސުމާއި ދެބަސްވެ އަރާރުންވުންފަދަ ކަންކަން ކުރުމެވެ. ޠަވާފުކުރަމުން ދާހިނދުގައި ވެސް ވައްކަންކުރުމާއި، ބަދުއަޚްލާޤީ ކަންކަމަށް އަރައިގަތުމެވެ.

މި ނޫނަސް އެ މަޤްޞަދަކަށްޓަކައި އެތައް ހޭދައެއްކޮށް އެމާތް ބިމަށް ޙާޟިރުވި މަތިވެރި މަޤްޞަދާ ޚިލާފު އެތައްކަމެއް ކުރުމެވެ.

ޝައްކެއް ނެތެވެ. މިފަދަ ކަންކަމަކީ މަބްރޫރު ޙައްޖެއް ލިބުމަށް ހުރަސްއަޅާނެ ކަންކަމެވެ. އަދި ކީއްތޯއެވެ. އެއީ اللَّهُ ޙުރުމަތްތެރިކުރެއްވި މުޤައްދަސް ބިމުގައި އެފަދަ ކަންކަމަށް އަރައިގަންނަ މީހުންގެ ފާފަވެރިކަން އިތުރުވެ، اللَّهُގެ ކޯފާއާއި ޢަޛާބަށް ހުށަހެޅިގެންދާނެ ކަންކަމެވެ. އަލްއިމާމުއްނަވަނީ ވިދާޅުވެފައިވެ އެވެ. [މަބުރޫރު ޙައްޖަކީ، ޙައްޖުވެރިޔާ އެ އަޅުކަން އަދާކުރުމުގެ ތެރޭގައި اللَّهُ ނަހީކުރެއްވި އެއްވެސް ކަމަކަށް އަރައިނުގަންނަ ޙައްޖެވެ.]

اللَّهُ ތަޢާލާ އަޅަމެންގެ ޢަމަލުތައް އިޞްލާޙުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. މި އަހަރު ޙައްޖަށްދާ އަޅަމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮގޮތް މިންވަރުކުރައްވައި ޙައްޖުގެ އަޅުކަމުގެ ތެރޭގައި އެންމެހައި ނުރަނގަޅު ކަންކަމުން އެއުރެން އެއްކިބާކުރައްވާށި އެވެ. ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތުގައި އެއުރެން ލަހައްޓަވައި އެ މަޤްޞަދަކަށްޓަކައި ބޮޑު ހޭދަކޮށްގެން اللَّهُ ގެ ޙަރަމްފުޅަށް އެބައިމީހުން ދިޔަ މަޤްޞަދު ފުރިހަމަކޮށް ދެއްވާށިއެވެ. އަދި ސަލާމަތުން އެއުރެންގެ އަހުލުވެރިންގެ ގާތަށް އެނބުރި އައުމުގެ އުފަލާއި ހިތްހަމަޖެހުން އެއުރެންނާއި ޢާއިލާތަކަށް މިންވަރުކޮށް ދެއްވާށި އެވެ.

ޙައްޖުގެ އަޅުކަމަށް ފަހު ކުރިން އުޅެމުން ދިޔަ ދޯދިޔާ އުޅުމަށް އެނބުރި ދިޔުމުން ސަލާމަތް ކުރައްވާށިއެވެ. އާމީން!

ނޯޓް: މިއީ ޝައިހް އަޙްމަދު ފާރޫޤް މުޙައްމަދުގެ ލިޔުއްވުމެކެވެ.