Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އަަޒާން، ދައުރުގެ އެޑިޓަރު މޫސައަށް އަބުރުގެ ދައުވާކޮށްފި

މެންބަރު އަހުމަދު އަޒާން މަރުޒޫގް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ނޫސްވެރިޔާ އަދި މިހާރު ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން، 'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އަޒާން މި މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގައި 'އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ'، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭގެ ގެެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެވެ.

އަޒާންގެ ފަރާތުން އެދިފައިވަނީ ދައުރުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރު ކުރުމަށެވެ.

އަދި އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ.، ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

މީގެއިތުރުން މި މައްސަލަ ބަލާ ނިމެންދެން، ދައުރުގައި ޝާއިއުކޮށްފައިވާ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.