Last Updated: July 12, 16:37
Sunday, July 12, 2026
ޚަބަރު

ނޫސްވެރިން ޖަލަށްލުމުން ތަނަވަސްކަމަށް ލޮޅުން އަންނާނެ

ނޫސްވެރިން ޖަލަށްލުމަކީ ތަނަވަސްކަމަށް ލޮޅުން އަންނާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލުން މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން ރޭ ބޭއްވި އިހުތިޖާޖުގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ އެއް ހައްގު ކަމަށެވެ.

އަދި ނޫސްވެރިޔަކު ސުވާލެއް ކުރުމުން އެއަށް ޖަވާބު ނުދީ ނޫސްވެރިޔާ ހައްޔަރުކުރުމަކީ ރާއްޖޭގެ ތަނަވަސްކަމަށް ވެސް، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަމަށް ނުހަނު ބޮޑު ލޮޅުން އަންނާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ހައްގުތަކުގެ ދިފާއުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް ތެދުވާނަން" ނަޝީދު ވިދާޅުވި އެވެ.

ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުން ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.

ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.