Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ފްރީ ޒޯނާއެކު އައްޑޫގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތައް ހުޅުވޭނެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އައްޑޫ ރީޖަނަލް ފްރީ ޒޯނާއެކު އައްޑޫގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތައް ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރ ސަޢީދު ވިދާޅުވީ އައްޑޫ ރީޖަނަލް ފްރީ ޒޯނުން ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، އަތޮޅުތަކުގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސައީދު ވިދާޅުވި އެވެ.

މި ފްރީ ޒޯންގެ ސަބަބުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރަހައްދުގައި ޑިއުޓީއާ ނުލައި މުދާ ރައްކާކޮށް ބެހެއްޓުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، އެކި ބާވަތްތަކުގެ އުފެއްދުންތައް އުފައްދާ ފެކްޓްރީތައް ހިންގުމުގެ މަގު ފަހިވެ، އައްޑޫގެ ވިޔަފާރިވެރިންނަށް މީގެ ކުރިން ނުލިބޭ ފަދަ ގިނަގުނަ އިޤްތިޞާދީ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީއަކީ އިޤްތިޞާދީ މައި ހަބަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ފްރީ ޒޯންގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިއަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.