ކްރިސްޓަލް ޕެލެސް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ކައިރިކޮށްފި އެވެ.
މި މޮޅާއެކު ލީގުގެ ދެވަނައިގައި ސިޓީ އޮތީ 36 މެޗުން ލިބުނު 77 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އާސެނަލް އޮތީ 36 މެޗުން ލިބުނު 79 ޕޮއިންޓާއެކު އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ ދެ މެޗު ކަމަށްވާއިރު، އެ ދެ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.
ލީގުގެ ފަހު ދެ މެޗުގައި އާސެނަލް ބައްދަލުކުރާނީ ބާންލީ އާއި ކްރިސްޓަލް ޕެލެސްއާ އެވެ. ސިޓީން ފަހު ދެ މެޗުގައި ނިކުންނާނީ ބޯންމަތް އަދި އެސްޓަންވިލާއާ ދެކޮޅަށެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗަށް ސިޓީން ނިކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅެންޖެހޭ މެޗު އޮތުމުން ރޭގެ މެޗުގެ ފުރަތަމަ އެގާރައިން އާލިން ހާލަންޑް އާއި ރަޔަން ޗާކީ އަދި ޑޯގޫ މެންފަދަ ކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 30 ވަނަ މިނެޓްގައި ސެމެންޔޯ ކާމިޔާބުކޮށްދިނީ ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮމަރް މަރްމޫޝް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ސިޓީގެ ތިންވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަވީނިއޯ އެވެ.