Last Updated: July 11, 02:43
Friday, July 10, 2026
ރިޕޯޓް

ކޮންމެ މައްސަލައެއް ވެސް ފެށެނީ ތުހުމަތަކުން!

ޖިނާއީ އަދުލުގެ ނިޒާމު ތަރުތީބުވެގެންވަނީ ކުށުގެ ތުހުމަތުތަކުގެ މައްޗަށް ބިނާވެގެންނެވެ. ވައްކަމާއި، ކޮރަޕްޝަނާއި، ޚިޔާނާތުގެ އިތުރުން އަޚުލާގީ މިންގަނޑުތަކާ ޚިލާފު މައްސަލަތަކުގެ ތަޙްގީގުތަކުގެ ބިންގަލަކީ ވެސް މިފަދަ ތުހުމަތުތަކެވެ. ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން މިފަދަ ނޭދެވޭ އަމަލުތައް ފެންމަތިވުމަކީ ޤައުމުގެ އިސްތިޤުރާރާއި މަޞްލަޙަތާ ގުޅިފައިވާ ނާޒުކު މައްސަލައެކެވެ.

ދީމިޤްރާތީ ނިޒާމެއްގެ އެންމެ އަސާސީ އެއް ސިފައަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކީ ވެސް ޤާނޫނުގެ އިމުން ބޭރުގައިވާ ނުވަތަ ޤާނޫނަށްވުރެ މަތީގައި ހުންނަވާ ބޭފުޅަކަށް ނުވުމެވެ. ރައީސުލްޖުމްހޫރިއްޔާއަކީ މުޠުލަގު ބާރުތަކެއް ލިބިވަޑައިގެންފައިވާ ރަސްކަލަކަށް ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކޮންމެ ތުހުމަތެއް ވެސް ދެފުށް ފެންނަ ގޮތެއްގައި ބަލައި، އިންޞާފުވެރި ޝަރީޢަތެއްގެ މަރުޙަލާތައް ހިނގަންވާނެއެވެ.

މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ވެރިންގެ ގިނަ މިސާލުތަކެއް ތާރީޚުން ފެންނަން އެބަހުއްޓެވެ. އެގޮތުން، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، ވައިޓް ހައުސްގެ އަންހެން މުވައްޒަފަކާއެކު ބޭއްވި ނަހަމަ ގުޅުމުގެ މައްސަލަ ތަހުގީގު ކުރެވި، އޭނާ މަގާމުން ވަކިކުރުމުގެ (އިންޕީޗްމަންޓް) މަރުހަލާ ކުރިއަށް ގެންދެވުނެވެ.

ހަމައެފަދައިން، ޖަރުމަނުވިލާތުގެ ކުރީގެ ރައީސް ކްރިސްޓިއަން ވުލްފްގެ ކޮރަޕްޝަންގެ މައްސަލައަކީ ވެސް ފާހަގަކޮށްލެވޭ ހާދިސާއެކެވެ. އެ މައްސަލަ ފެންމަތިކުރީ ޖަރުމަނުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ބިލްޑް" ނޫހުގެ އެޑިޓަރު ކައި ޑީކްމަން އެވެ. އެ ނޫހުން ރިޕޯޓުކުރި ގޮތުގައި، ވުލްފް ޖަރުމަނު ވިލާތުގެ ލޯވާ ސެކްސޮނީގެ ޕްރީމިއާގެ މަގާމުގައި ހުންނެވި ދުވަސްވަރު ފިލްމު ޕްރޮޑިއުސަރެއްގެ ފަރާތުން ނޭދެވޭ މަންފާތަކެއް ހޯއްދެވި ކަމަށް ތުހުމަތު ކުރިއެވެ.

މި މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ، ރައީސްގެ މަގާމުގައި ހުންނަވައިގެން ވުލްފް އެ ނޫހުގެ އެޑިޓަރަށް ގުޅުއްވައި، އެ ޚަބަރު ޝާއިއުކުރުން ހުއްޓުވުމަށް ނުވަތަ ލަސްކުރުމަށް ބާރުއަޅުއްވައި އިންޒާރު ދެއްވުމާއި ގުޅިގެންނެވެ. އެއީ ކޮރަޕްޝަނުގެ އަމަލެއް ނޫން ކަމަށާއި، ހަމައެކަނި އަމިއްލަ އެކުވެރިއެއްގެ އަތުން ނެންގެވި ލޯނެއް ކަމަށް ވުލްފް ވިދާޅުވި ނަމަވެސް، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބަލައި ޖަރުމަނުގެ މީޑިއާތަކުން އޭނާއާ ދެކޮޅަށް ތެދުވިއެވެ. މިކަމުގެ ސަބަބުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން ވެސް ރައީސް ވުލްފް އަށް އަމާޒުވެގެން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން، 2012 ވަނަ އަހަރު ފެޑެރަލް ޕްރޮސިކިއުޓާ ޖެނެރަލް އޭނާގެ ރިޔާސީ އިމްތިޔާޒު އުވާލައި އެ މައްސަލާއިގެ ތަޙްގީގު ފެށުމުން، ވުލްފް ރައީސްކަމުން އިސްތިއުފާ ދެއްވިއެވެ. އޭނާގެ މައްޗަށް 2013 ގައި ދައުވާ އުފުލުނު ނަމަވެސް، 2014 ވަނަ އަހަރު ކޯޓުން ވަނީ އޭނާ ކުށުން ބަރީއަކޮށްފައެވެ. މި ހާދިސާގައި ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، އެ ރިޕޯޓް ޝާއިއުކުރި ނޫހާއި ނޫސްވެރިޔާ އެކަމުގެ ސަބަބުން ކުށްވެރިނުވާ ކަމެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން "ބިލްޑް" ނޫހާ ދެކޮޅަށް ކުރިސްޓިއަން ވުލްފް ކުރެއްވި އަބުރުގެ ދައުވާ ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އަމިއްލަ ދިރިއުޅުމުގެ ފޮޓޯތަކާއި ޚަބަރުތައް ޝާއިއުކުރި ފަރާތްތަކާ ދެކޮޅަށް، ޕްރައިވެސީ އާއި މީޑިއާ ގާނޫނުގެ ދަށުން އޭނާ ގާނޫނީ ފިޔަވަޅުތަކެއް އެޅުއްވިއެވެ. މިގޮތުން 2018 ވަނަ އަހަރު ޖަރުމަނުގެ ފެޑެރަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅުނު މައްސަލަ ނިމުނީ އޭނާއާ ދެކޮޅަށެވެ. އެ ކޯޓުން ނިންމެވީ ޝާއިއުކޮށްފައިވާ ފޮޓޯތަކަކީ ގާނޫނީ ގޮތުން ހުއްދަ ފޮޓޯތަކެއް ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން ބަރީއަވުމާ ގުޅިގެން، ޖިނާއީ ތަހުގީގުގެ މަރުހަލާއާ ގުޅިގެން ދައުލަތުން ކޮންމެވެސް ވަރެއްގެ ބަދަލެއް އޭނާއަށް ލިބުނެވެ. ނަމަވެސް، އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގައި "ބިލްޑް" ނޫހުގެ ފަރާތުން އެދެވޭ ފަދަ ބޮޑު ބަދަލެއް ލިބިފައެއް ނުވެއެވެ.

"ބިލްޑް" ނޫހުން ގެނެސްދިން ހަރުކަށި ޚަބަރުތަކުގެ ސަބަބުން، ވުލްފްގެ އަބުރަށާއި މަގާމަށް އަސަރުކުރިކަމާ މެދު ޖަރުމަނުގައި ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. އެހެންނަމަވެސް، އެ ނޫހާ ދެކޮޅަށް ވުލްފް ކުރެއްވި އަބުރުގެ ދައުވާއަކުން ކާމިޔާބު ހުކުމެއް ލިބިވަޑައިގެންނެވިކަމުގެ އެއްވެސް ރަސްމީ ރެކޯޑެއް ފެންނާކަށް ނެތެވެ.

އެމެރިކާ އާއި ޖަރުމަނުވިލާތެކޭ އެއްފަދައިން، ދިވެހިރާއްޖެއަކީ ވެސް ދައުލަތުގެ އަސާސީ ގާނޫނުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ގައުމެކެވެ. މި ގައުމުތަކުގެ މެދުގައި އޮތް ހަމައެކަނި ތަފާތަކީ އިންސާނީ ތަރައްގީގެ މިންގަނޑުތަކާއި، މީހުންގެ ވިސްނުމާއި ފިކުރު ބައްޓަންވެފައިވާ ގޮތެވެ.