Last Updated: July 12, 16:37
Sunday, July 12, 2026
ޚަބަރު

ތިން ރައީސަކު ގުޅެނީ އަމިއްލަ މަންފާ އަށް

ރައީސް ޑރ. މުހައްމަދު ސަރުކާރުގެ ދެކޮޅަށް ކުރީގެ ތިން ރައީސަކު ގުޅިގެން މަސައްކަތް ކުރައްވަން އުޅުއްވަނީ އެ ބޭފުޅުންގެ އަމިއްލަ މަންފާ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ އިތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންތަކެއް ޖަލަށް ލައި، އިތުރު ނޫސްވެރިންތަކެއްގެ މައްޗަށް ދައުވާކޮށްފައިވާތީ ނޫސްވެރިކަމުގެ މިނިވަން ކަމަށްޓަކައި މިހާރުގެ ސަރުކާރު ދެކޮޅަށް މަސައްކަތް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނިޒާރު ވިދާޅުވި އެ ބޭފުޅުން ގުޅިވަޑައިގެން މަސައްކަތް ކުރައްވަން އުޅުއްވަނީ ގައުމީ މަސްލަހަތެއް އޮވެގެން ނޫން ކަމަށެވެ.

"މީގެ ބޭނުމަކީ ސިޔާސީ މަންފާއަކަށްޓަކައި އަމިއްލަ މަސްލަހަތު އިސްކުރުން." އޭނަ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ކުރީގެ ތިން ރައީސަކު ގުޅިގެން މަސައްކަތް ކުރެއްވުމަކުން ގައުމުގެ ގިނަ ބަޔަކަށް ލިބޭނެ ރަނގަޅެއް ނެތް ކަމަށެވެ. އަދި މިއީ ވަކި ބައެއްގެ މަންފާ އަށް ކުރާ ކަމެއް ކަމަށް އޭނަ ވިދާޅުވި އެވެ.

ޖަލަށްލި ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ބޭއްވި މުޒާހަރާގައި ނަޝީދު ބައިވެރިވަޑައިގަތެވެ. އެ މަނިކުފާނު ވިދާޅުވީ ނޫސްވެރިކަމުގެ ދިފާއުގައި އެމްޑީޕީން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ނިޒާރުގެ ޕޯސްޓްގައި ވަނީ ނަޝީދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމް ދައުވާތަކެއްކޮށް ޖަލަށްލި ބޭފުޅެއް ކަމަށާއި ޔާމީނަކީ ސޯލިހުފެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާތަކެއް އުފުލައި ޖަލަށްލި ބޭފުޅެއްކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.

އެކަމަކު މިހާރުގެ ސަރުކާރަކުން ސިޔާސީ ގޮތުން ބަޔަކަށް ދައުވާ ނުކުރާ ކަމަށް ވިދާޅުވި އެވެ.