އައްޑޫގައި އުޅޭ ބިދޭސީންގެ ތެރެއިިން މިހާތަނަށް ބައޯމެޓްރިކް ޑޭޓާ ނުދީ ތިބި ބިދޭސީންގެ އެ މައުލޫމާތު ދިނުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
އެގޮތުން އަވަށު އޮފީސްތަކުގައި މިހާރު ވަނީ އެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އެހެންވެ ބައޯމެޓްރިކް ޑޭޓާ ނެގުމުގެ ކަންކަން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ އެހެން ހުރިހާ ދުވަސްތަކެއްގައި އަވަށު އޮފީސްތަކުގައި ކުރިއަށް ދާނެ އެވެ.
މީގެ ކުރިން ވެސް މި މަސައްކަތް ހޯމްލޭންޑް މިނިސްޓްރީން އައްޑޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
އައްޑު އަކީ މާލެ ސަރަހައްދު ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވަމުން އަންނަ ސަރަހައްދެވެ.
އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އައްޑޫގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ބިދޭސީ އެ އިދާރާގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައިވެ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ނެގުމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަައްސަލަ ހައްލު ކުރަން 2024 ގެ ކުރީކޮޅު ފެށި ކުރަނގި އޮޕަރޭޝަންގެ އެންމެ ފުރަތަމަ މަރުހަލާ އެވެ. ސަރުކާރުން ނިންމާފައި ވަނީ ބައޯމެޓިކް ޑޭޓޭ ނުދޭ ބިދޭސީން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން ޑީޕޯޓް ކުރުމަށެވެ.