Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ގެގް އޯޑަރާ ގުޅިގެން ބާ ކައުންސިލުން ޕީޖީ އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ގޮތަށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅޭ ގެގް އޯޑަރު މުރާޖައާކޮށް ދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމަށް ބާ ކައުންސިލުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ސިޓީއެއް ފޮނުވައިފި އެވެ.

ޕީޖީ އައްބާސް ޝަރީފަށް ބާ ކައުންސިލްގެ ރައީސް ހުސެން ސިރާޖު ފޮނުއްވި ސިޓީގައި ޕީޖީގެ އެދުމަކަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު މުރާޖައާކޮށް ދިނުމަށް ޕީޖީގެ ފަރާތުން އިސްވެ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް އެދިވަޑައިގެންފައިވެ އެވެ.

އަދި ސިޓީއަކަށް ބިނާކޮށް ނޫސްވެރިއެއްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެ ކޯޓަށް ހުށަހަޅައި ދިނުމަށް ވެސް އެދިފައިވެ އެވެ

ބާ ކައުންސިލްގެ ރައީސްގެ ސިޓީގައި، ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް އަސާސްކަަން ފާހަގަ ކުރައްވައި، ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާއި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ ބާރު ބޭނުންކޮށްފައި ވަނީ ޕީޖީގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭ ގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެގޮތުން ދެ ނޫސްވެރިޔަކު ޖަލަށް ލާން ކޯޓުން ޖަލު ހުކުމް އިއްވާފައިވާއިރު، އެ ދެ މީހުންނަށް ގާނޫނީ ވަކީލަކު ކަނޑައެޅުމަށް އެކަށީގެންވާ ވަގުތު ވެސް ދީފައިނުވާކަންސަމާލުކަމަށް އައިސްފައިވާ ކަމަށް ސިޓީގައި ބުންޏެވެ.

އެހެންވެ މިއީ ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ބާ ކައުންސިލްގެ ސިޓީގައި ބުންޏެވެ.

ޖަލަށް ލާފައި ވަނީ އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާނާއި ލީވާން އަލީ ނަސީރެވެ.