އަންނަ މަހު ބާއްވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމޮޝަން (އީސީ) އިން ބުނީ އެ ފުރުސަތު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ނިޔަލަށް ކަމަށެވެ.
އެ މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިދިޔަ މަހުގެ 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. އަދި އެ ދެ އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް އެ ވޯޓުގައި ރަޖިސްޓަރީވެފައިވާނީ މާލެއަށެވެ.
ރިސޯޓެއްގައި ނުވަތަ ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައި ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުން ކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ އެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. އަދި އެގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސްއެމްއެސް (VR space IDNO Send to 1414)މެދުވެރިކޮށް ޗެކް ކުރެވޭނެ އެވެ. އަދި ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު 1414 އިން ހޯދޭނެ އެވެ.
އަންނަ މަހުގެ 6 ގައި ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މި ބައި-އިލެކްޝަނަކީ ބޭންކުން ނެގި ލޯނެއް އެއްބަސްވުމާ އެއްގޮތަށް ނުދެއްކި މައްސަލައެއްގައި ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން ބާއްވާ އިންތިހާބެކެވެ.
ސިނާނަށް ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 12 އެވެ.