ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުން ދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެގޮތުން އިއްޔެ ރޭ ހިންގި އެ އޮޕަރޭޝަންގައި މާލެ، ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެ އެވެ.
މި މައްސަލާގައި ހިމެނޭ ވޭން ޓޯކޮށްފައިވެ އެވެ އެކަމަކު މިކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މީގެ ކުރިން ވެސް ވަގަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކުރި ބޮޑެތި މައްސަލަތަކެއް ފެންމަތިފައިވެ އެވެ.