ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު އަނިލް ޝަރުމާގެ އާ ފިލްމު "އަރުޖުން ނާގާ" ގެ ވިލަންގެ އަރްޖުން ރާމްޕާލަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އަށް އެ ރޯލު ހުށަހެޅީ 6 ކްރޯޑް ރުޕީސްގެ ފީއެއް ދޭ ގޮތަށެވެ. އެކަމަކު އަރުޖުން ނާގާ އަށް އަރްޖުން ސޮއިކުރިކަން އަދި ކަށަވަރެއް ނޫނެވެ.
ކުރިން ވެސް ފިލްމުތަކެއްގައި ވިލަންްއެއްގެ ރޯލު ކުޅެފައިވާ އަރުޖުންގެ އެންމެ ފަހުގެ ފިލްމަކީ ވަރުގަދަ ނެގަޓިވް ރޯލެއް ކުޅުނު "ދުރަންދަރު" އެވެ.
އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދަން ތައްޔާރީތައްވަމުން އަންނަ "އަރުޖުން ނާގާ" އަކީ އަނިލްގެ ދަރިފުޅު އުތުކާޝް ޝަރުމާ ލީޑަށް ލައިގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އެ ދެ ބަފައިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ފެމިލީ ޑްރާމާ "ވަންވާސް" އެވެ.
އަނިލް އަކީ ސަނީ ޑިއޯލްގެ ކާމިޔާބު ފިލްމު "ގަދަރު" ގެ ދެ ބައިގެ ޑައިރެކްޓަރެވެ. އެ ދެ ފިލްމުގައި ވެސް އުތުކާޝް މަސައްކަތްކޮށްފައިވެ އެވެ. "ގަދަރު" ގެ ތިން ވަނަ ބައެއް ވެސް ހަދަން އޮތީ ޕްލޭންކޮށްފަ އެވެ.
މީޑިއާތަކުން ބުނީ "އަރުޖުން ނާގާ" ގެ ޝޫޓިން މި މަހުގެ 17 ގައި ފަށާނެ ކަމަށެވެ.