ސަރުކާރުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ލިއުންތައް ނިޒާމުގެ އެތެރެއިން ކަށަވަ ރުކުރެވޭނެ ޑޭޓާ އެކްސްޗޭންޖު ލޭޔަ މިއަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ކުުރިއަށްދާ އައްޑޫ ބިޒްނަސް ޑައިލޮގްގައި އޭނަ ސަރުކާރުގެ އިދާރާތައް މެދުގައި މުޢާމަލާތް ކުރެވޭ އީގަވަމެންޓް ނިޒާމު މި އަހަރު އޮގަސްޓް މަހަށް ނިންމާލެވޭނެ ކަމަށެވެ. އަންނަ މަހު އެކަމަށް ބޭނުންވާ ޕްލެޓްފޯމް ތައާރަފް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިޙްސާން ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން ދީފައިވާ ލިއުންތައް ދޭދޭ އިދާރާތަކުގެ މެދުގައި އަމިއްލައަށް ކަށަވަރު ކުރެވޭނެ ޑޭޓާ އެކްސްޗޭންޖް ލޭޔަ މި އަހަރުގެ ނިޔަލަށް ގާއިމު ކުރެވޭނެ ކަމަށެވެ.
"އޭގެ މާނަ އަކީ އެއް އިދާރާއަކުން އިޝޫކުރާ އެއްވެސް ސެޓިފިކެޓެއް އަދި އެއްވެސް ލައިސެންސެއް ވެސް، އިރާދަ ކުރެއްވިއްޔާ ނުޖެހޭނެ ހުށަހަޅަން. އެކުއަރީގެ ސަބްމިޝަން އަށް ފަހު އެއް އިދާރާއިން އަނެއް އިދާރާއާ ވާހަކަ ދައްކާ މައުލޫމާތު ސިސްޓަމް ލެވެލްގައި މައުލޫމާތު ބަދަލު ކުރާނެ،" އޭނަ ވިދާޅުވި އެވެ. "އޭރު، ކަސްޓަމަރު ނުޖެހޭނެ އެކަން އަމިއްލައަށް ކުރަން. އެކަން ކުރާނެ ސިސްޓަމުތަކުގެ ތެރެއިން ވެރިފައި ކުރަން އަމިއްލައަށް."

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތް 2028 ގެ ޖޫން މަހާ ހަމައަށް ނިންމާލަން މިހާރު އަމާޒު ހިފާފައިވާ ކަމަށެވެ. ކަރުދާހާ ނުލާ ސަރުކާރުގެ ހުރިހާ ޚިދުމަތެއް ވެސް އެހާ ހިސާބަށްދާ އިރު ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.