މިދިޔަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު 'އެވަޓާ: ފަޔަ އެންޑް އޭޝް' އަންނަ މަހު ސްޓްރީމިން ދޫކޮށްލަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް ފިލްމުގެ ޓީމުން ބުނީ އަންނަ މަހުގެ 24 ގައި ފިލްމު ޑިޒްނީ ޕްލަސް އިން ޕްރީމިއާ ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެންބަރުގައި ރިލީޒްކުރި 'އެވަޓާ: ފަޔަ އެންޑް އޭޝް' އަކީ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ އެވަޓާ ފިލްމު ސީރީޒްގެ ތިން ބަނަ އެވެ. ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން މި ފިލްމަކީ ބޮކްސް އޮފީހުގައި 1.490 ބިލިއަން ޑޮލަރުުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
'އެވަޓާ: ފަޔަ އެންޑް އޭޝް' އަންނަ މަހު ސްޓްރީމިން އަށް ދޫކޮށްލާ އިރު، މި ފިލްމު ސީރީޒްގެ އިތުރު ދެ ފިލްމެއް އަދި ކުރިއަށް އެބައޮތެވެ. އެވަޓާ 2009 ގައި ގެނެސްދިނުމަށް ފަހު، 'އެވަޓާ: ދަ ވޭ އޮފް ވޯޓާ' ރިލީޒްކުރީ 2022 ގަ އެވެ.
މި ފިލްމުތަކުގެ ޑައިރެކްޓަރު ޖޭމްސް ކެމަރޮން އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 1997 ގެ 'ޓައިޓޭނިކް' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.