ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ގޮތަށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލާގައި އެ ވާހަކަތައް ދެއްކުމަށް މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު 'ގެގް އޯޑަރެއް' ނެރެނީ، 'އަދަދު' ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް ޕީޖީ އޮފީހުން އެދިގެންނެވެ.
އެގޮތުން، ހުރިހާ ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ 'އައިޝާ' ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމެއްގެ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރަށް ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފެތުރުމަށެވެ.
އެ އަމުރު ބާތިލްކޮށް ދިނުމަށް އެދި، އެމްޖޭއޭން ވަނީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެއީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އަދި މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ ވީހާ ވެސް ގިނަ ބަޔަކަށް މައްސަލަ އަށް ތަދައްހުލްވުމުގެ ފުރުސަތު ދިނުމަޑް ވެސް އެމްޖޭއޭ އިން އެދިފައިވެ އެވެ
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ފަހުން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ވަނީ ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ޖަލަށް ވެސް ލައިފަ އެވެ. އެއީ އެމްޖޭގެ ނައިބު ރައީސަކަށް ވެސް ހުންނެވި 'އަދަދު'ގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާނާއި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރެވެ.