Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ބީއެމްއެލް އިން ޗާޓަޑް ބޭންކާ ޕްރޮގްރާމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ "ޗާޓަޑް ބޭންކާ ޕްރޮގްރާމް" ފަށައިފިއެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ ޖެނުއަރީ މަހުގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބީއެމްއެލްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެއެވެ.

"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ އަޅުގަނޑުމެންގެ މުވައްޒަފުން. މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް. މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް." ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުއްމަދު ޝަރީފް ވިދާޅުވިއެވެ.

ޗާޓަޑް ބޭންކާ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ.

މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެކެވެ.