ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ރޭ އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން މާލޭގައި ކުރިއަށްދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު އިތުރު މުއްދަތަކަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މުޒާހަރާއިން 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މީގެތެރެއިން އަލީ ޖުމާންގެ (ޑެތު) ބަންދަށް 5 ދުވަސް، ޝަމްއޫން ޖަލީލްގެ (ލޫކަސް) ބަންދަށް 10 ދުވަސް އަދި އަބްދުﷲ ޝަރީފްގެ ބަންދަށް ވަނީ ތިން ދުވަސް ޖަހައިފަ އެވެ.
މުޒާހަރާއިން ދެން ހައްޔަރުކުރި އެންމެން ދޫކޮށްލަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން ޖަލަށް ލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތު އޮތް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ އެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.
ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.