އިންސާނީ މުޖުތަމަޢެއްގެ ބަދަހިކަމާއި އަމާންކަން ބިނާވެފައި ވަނީ އެ މުޖުތަމަޢެއްގައި އޮންނަ އިޞްލާޙީ މިންގަނޑުތަކުގެ މައްޗަށެވެ. މީގެ އިދިކޮޅަކީ ފަސާ ދައެވެ. ފަސާދަ އަކީ މުޖުތަމަޢެއްގެ ބިންގާ ގުޑުވާލައި، މީސްތަކުންގެ މެދުގައި އޮންނަ އިތުބާރާއި އަމާންކަން ނަގާލާ ނުރައްކާތެރި ވަބާއެކެވެ.
ފަސާދަ އަކީ ކޮބާ؟
ދީނީ އަދި އިޞްޠިލާޙީ ގޮތުން ބަލާއިރު ފަސާދައަކީ، ސީދާ މަގުން ކަސިޔާރުވެ، ކަންކަން އޮންނަންޖެހޭ ރަނގަޅު ގޮތް ނޫން ގޮތަކަށް ކަންކަން ކުރުމެވެ. މީގެ ތެރޭގައި ރިޝްވަތު ހިފުމާއި ދިނުން، ޚިޔާނާތްތެރިވުން، ބޭއިންސާފުން ކަންކަން ކުރުން، މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުން އަދި ދީނީ މިންގަނޑުތަކާ ޚިލާފުވުން ހިމެނެއެވެ. ކުރުގޮތަކަށް ބުނާ ނަމަ، ފަސާދަ އަކީ ދުނިޔެ އިޞްލާޙުކަންމަތީ އޮއްވައި އެ އަމާންކަން ގެއްލުވާލުމަށް ކުރެވޭ ކޮންމެ މަސައްކަތެކެވެ.
ކީރިތި ޤުރްއާން:
މާތްﷲ ތަޢާލާ ވަނީ ބިމުގައި ފަސާދަ ނުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އިންޒާރު ދެއްވާފައެވެ. ސޫރަތުލް އަޢުރާފްގެ 56 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا) މާނައީ: "އަދި ބިން އިޞްލާޙުވުމަށްފަހު، އެ ބިމުގައި ތިޔަބައިމީހުން ފަސާދަ ނުކުރާށެވެ!" ހަމައެހެންމެ، ފަސާދަ ކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެން ނުވާކަންވެ ސް އެކަލާނގެ ވަނީ އަންގަވާފަ އެވެ.
ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން:
ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ފަސާދައިގެ އެންމެހައި ދޮރުތަކެއް ބަންދުކުރެއްވުމަށް އިރުޝާދު ދެއްވައިފައެވެ. އިސްލާމީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ފަސާދައަށް މަގުފަހިކުރުމަކީ އަމިއްލައަށް ފަސާދަ ކުރުން ފަދަ ބޮޑު ފާފައެކެވެ. އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފަ އިވަނީ، ހުރިހާ ނުބައި ކަމެއްގެ އަސްލަކީ ފަސާދައެވެ. އެއީ ޢަދުލުވެރިކަން ނެތިގޮސް، އަނިޔާވެރިކަން އިސްވުމެވެ. ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ފަސާދަ ފެތުރުމަށް އެހީތެރިވާ މީހާ އަކީ އެ ނުބައިކަމުގައި ބައިވެރިވާ މީހެކެވެ.
ފަސާދައިގެ ސަބަބުން ލިބޭ ގެއްލުންތައް:
* އިޖުތިމާޢީ ފޭރާން ރޫޅުން: މީސްތަކުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ޙަސަދަވެރިކަމާއި ނަފުރަތު އުފެދެއެވެ.
* އިޤްތިޞާދީ ހީނަރުކަން: ޚިޔާނާތާއި ރިޝްވަތުގެ ސަބަބުން މުދަލުގެ ބަރަކާތް ކެނޑި، ފަޤީރުކަން އިތުރުވެއެވެ.
* ޢަދުލު އިންސާފު ގެއްލުން: ބާރުވެރިންނަށް ކަންކަން ފަހިވެ، ނިކަމެތިންނަށް ޙައްޤުތައް ގެއްލިގެންދެއެވެ.
* ﷲގެ ކޯފާ: މުޖުތަމަޢެއްގައި ފަސާދަ ޢާންމުވެއްޖެނަމަ، އެބަޔަކަށް ﷲގެ ކޯފާއާއި ޢަޛާބު އައުމަކީ ދުރުކަމެއް ނޫނެވެ.
ޙައްލު:
ފަސާދައިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އަންނަނިވި ކަންކަން ކުރަންޖެހެ އެވެ
* ތަޤުވާވެރިކަން އިތުރުކުރުން: ކޮންމެ މީހަކުވެސް ތިމާ ކުރާ ކަންކަން ﷲ ބައްލަވާވޮޑިގެންވާކަން ދަނެ، ﷲ އަށް ބިރުވެތިވުން.
* އަމާނާތްތެރިކަން އިސްކުރުން: ތިމާއާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކަށް ރައްކާތެރިވުން.
* ނުބައި ކަންކަން މަނާކުރުން: މުޖުތަމަޢުގައި ހިނގާ ފަސާދައިގެ ކަންކަމާ ދެކޮޅަށް އަޑުއުފުލައި، އެކަންކަން ހުއްޓުވަން
މަސައްކަތްކުރުން.
* ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުން: މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ޒިންމާދާރު ކުރުވުން.
ނިންމާލަމުން ދަންނަވާނީ، ފަސާދަ އަކީ މުޅި އުންމަތް ހަލާކުކޮށްލާ ސުންޕާ ކަމެކެވެ. އެހެންކަމުން، ފަސާދައަށް މަގުފަހިވާ އެންމެހައި ކަންކަމުން ދުރުހެލީވެ، އިޞްލާޙީ މަގު އިޚްތިޔާރު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.