Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

މީކާއީލްގެ މެނިފެސްޓޯ ލޯންޗް ކުރުން މިރޭ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ ހަފުލާ މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ހަފުލާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ.

އިތުބާރުގެ ނަމުގައި އޭނަ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، މިރޭ ލޯންޗްކުރާ މެނިފެސްޓޯގައި މީކާއީލް އަށް ޗެއާޕާސަންގެ މަގާމު ކާމިޔާބުވެއްޖެ ނަމަ ޕާޓީ އަށް ގެންނަވާނެ މައިގަނޑު މުހިއްމު ބަދަލުތަކާއި ދެން އޮންނަ ރިޔާސީ އިންތިހާބު ޕާޓި އަށް ކާމިޔާބު ކުރަން ކުރަން ހުރި މުހިއްމު ކަންކަން ވެސް މެނިފެސްޓޯ އިން ސާފުވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ފުރާވަރުން ފެށިގެން އެމްޑީޕީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މީކާއީލް އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ވެސް މެ އެވެ. މިއީ އޭނަ މަޖިލީހުގެ ދެވަނަ ދައުރެވެ.

އަންނަ މަހުގެ 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއީލާ ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު، (ވާޑު) އެވެ.

މި އިންތިހާބުގައި ވާދަވެރިކަން އެންމެ ބޮޑީ ނަޝީދާއީ މީކާއީލްގެ މެދުގަ އެވެ.