ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރުން ވީ ކަމަށް ލަފާ ކުރެވެނީ 60 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި ހާދިސާގައި ފަސް މީހުން ގެއްލުނުއިރު އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް މިއަދު އިރުއޮއްސި 6:13 ހާއިރު ހާއިރު މޫދު އަޑިންނެވެ.
"ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި،" އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ.
ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު މެންދުރުފަހު 1:45 ހާއިރު އެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން ކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބޭކަން އެމްއެންޑީއެެފުން ފާހަގަކުރެ އެވެ.