ރަޝިޔާއިން އުފައްދާފައިވާ ބާރުގަދަ ސަޓާން 2" (Satan 2) މިސައިލަކީ އެ ޤައުމުން އުފެއްދިއެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެކެވެ. މި މިސައިލްގެ އަސްލު ނަމަކީ RS-28 Sarmat އެވެ. ނަމަވެސް "ސަޓާން 2" އަކީ ނޭޓޯ އިން މި މިސައިލަށް ދީފައިވާ ނަމެކެވެ.
މިއީ ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މީގެ ރޭންޖް ނުވަތަ ދަތުރުކުރެވޭ ދުރުމިން 18,000 ކިލޯމީޓަރަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ ގާތްގަނޑަކަށް 200 ޓަނުގެ ބަރުދަން ހުރި، ދިގުމިނުގައި 35 މީޓަރު ހުންނަ ވަރުގަދަ މިސައިލެކެވެ.
މި މިސައިލަކީ އެއްފަހަރާ 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ނިއުކްލިއަރ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އަދި މި ވޯހެޑަކީ އެކި އަމާޒުފަތްތަކަށް ވަކިވަކިން ހަމަލާދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.
ރަޝިޔާއިން ބުނާ ގޮތުގައި މި މިސައިލަކީ މިހާރު ދުނިޔޭގައި ހުރި އެއްވެސް މިސައިލް ޑިފެންސް ސިސްޓަމަކަށް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. މީގެ ހުރަހަކަށް އެއްވެސް އައްޑަނައެއް ނުހުންނާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.
މިއީ ކުރިން ރަޝިޔާއިން ބޭނުންކުރަމުން އައި "ސަޓާން" (R-36M) މިސައިލްތަކުގެ ބަދަލުގައި، ރަޝިޔާގެ ނިއުކްލިއަރ ގާބިލުކަން އިތުރުކުރުމަށްޓަކައި އުފެއްދި އެއްޗެކެވެ. މި މިސައިލްގެ ޓެސްޓުތައް ރަޝިޔާއިން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
މިއީ ދުނިޔޭގެ މަސްރަހުގައި ރަޝިޔާގެ އަސްކަރީ ބާރުވެރިކަން ދައްކުވައިދޭ މުހިންމު ހަތިޔާރެއްގެ ގޮތުގައި ބެލެވެއެވެ.
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.