Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

އިދިކޮޅުގައި ތިބީ ހުސް ފެއިލްވެފައި ތިބި މީހުން

ރައީސް ޑރ. މުހައްމަދު މުއިއްޒު

އިދިކޮޅުގައި މިހާރު ތިބީ ހުސް ފެއިލްވެފައި ތިބި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިމިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރަން ރާއްޖެއަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއް ބޭނުންވާ ކަމަށާއި "ބަތްކައްކާ ކުޅޭ މިގޮތަށް ސަކަރާތް ޖަހާ ދެއުޅިއެއް ނުވާ ފަރާތްތަކެއް" އިދިކޮޅުގައި އޮވެގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.

"އެކަކު އަނެކުގެ ކަރުގައި ހިފައިގެން ތިބި، އެކަކު އަނެކަކުގެ ބުރިކައްޓަށް ވަޅިޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަދައްކާއިރު، ހުސް ފެއިލިއަރުން މިތިބީ. ހުސް ފެއިލިއަރުން ނިކުމެ ގައުމުގެ ވާހަކަ ދެއްކީމަ އަޅުގަނޑުމެންގެ ޒުވާން ކުދިން މިކަން އެނެލައިޒްކޮށްލާއިރު އެމީހުން ވަރަށް ޑިޕްރެސްވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެކުރިން ހިނގާފައި ހުރި ކަންކަމަކީ ނުވާ ކަމަކަށް ނުވާނެ ކަމަށާއި މާޒީގެ ސޮފްހާތައް ނިއުޅައިލުމުން މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކުގެ ހަގީގަތްތައް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން ރައީސް ވަނީ ޔާމީންގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގި ނަމަވެސް ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ވިދާޅުވެފަ އެވެ.

"ސިޔާސީ ހުރިހާ އެންމެން ޖަލުގައި. އެއީ ގައިމުވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމަ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭވެފައި ހުރިހާ ފަރާތްތަކެއްގެ ވެސް. މިއީ ފަސްއެޅޭނެ އެއްޗިއްސެއް ނޫން. އެއީ ފެންނަން ހުރި ހަގީގަތް. އެއީ ތިމަންނަމެންނެއް ނޫނޭ ބުނެ ކާކަށްތޯ އޮޅުވާލެވޭނީ. އަމިއްލަ ނަފްސަށް ވެސް އޮޅުވާނުލެވޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮންމެ މީހަކު ވެސް އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ވާނުވާ ކަންކަން ބަލަންޖެހޭ ކަމަށާއި އޭރަށް ގައުމުގެ ކަންކަން ދާނީ ރަނގަޅަށް ކަމަށްވެސް ވިދާޅުވެފަ އެވެ.