Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

ދޮގު ޑޮކިއުމެންޓްރީތައް ހެދިޔަސް އިސްކުރާނީ ކެތްތެރިކަން

ކިތަންމެ ގިނަ 'ދޮގު' ޑޮކިއުމެންޓްރީތަކެއް ހެދިޔަސް އިސްކުރާނީ ކެތްތެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން މިދިޔަ 28 މާޗުގައި ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި ގުޅޭގޮތުން ކިތަންމެ ބައިވެރި ދޮގު ވާހަކަތަކެއް އަދި ޑޮކިއުމެންޓްރީތަކެއް ވެސް ހެދިދާނެ ކަމަށާއި އެފަދަ ކަންކަމާމެދު އުފާކުރައްވާ ކަމަށެވެ.

"އެއީ ދީނުގައި އޮންނަނީ ވަރަށް މަތިވެރި އިސްކަމެއް ދީފައި، އެމީހަކާ ބެހޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ، އެމީހެއްގެ އަގުވައްޓާލައި އެމީހާގެ އަބުރު ކަތިލެވިގެންދާއިރުގައި ކެތްތެރިކަން އިސްކުރުމަށް، ވަރަށް ސަވާބު ލިބޭ ކަމެއް އެއީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އުފާކުރަން ٱلْحَمْدُ لِلَّٰهِ، އަޅުގަނޑު އެދެނީ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން،"

ރައީސް ވަނީ އެމަނިކުފާނާއި ގުޅޭގޮތުން ތެދު ވާހަކަތަކެއް ހިމަނައިގެން އަބުރު ކަތިލަން ހަމަ ޔަގީނުން ވެސް ނުނެރެވޭނެ ކަމަށާއި ހަދަން ޖެހޭނީ ހުސް ދޮގު ކަމަށް ވިދާޅުވެފަ އެވެ.

"ހުސް ދޮގު ހަދަން ޖެހޭނީ. ހުސްދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގެއިން އޮތީ ހުސް ފައިދާ،" ރައީސް ވިދާޅުވި އެވެ.