Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

މިއީ އެންމެ ގިނަ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ޕީއެންސީ

މި ސަރުކާރަކީ ދިވެހި ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު ދެއްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަން އިތުރުކޮށްދިނުން ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިންތިޚާބުތަކާ ދިމާކޮށް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ، އިންތިޚާބު ނިމޭއިރުވެސް ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭވަރު ނުވުން ކަމަށާއި ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ހަރުދަނާކޮށް، އެންމެ ގިނަ ބަޔަކަށް ގެދޮރުވެރިކަން ހޯދައިދޭ ސަރުކާރަށް ވުންކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރުވެސް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމުގައި ވިދާޅުވި އެވެ. އެގޮތުން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ނިމިދިޔަ ސަރުކާރުން ކަނޑުފަޅުތަކުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހެއްދެވުމަށް، ބިން ހިއްކުމުގެ މަސައްކަތްތަކާއި، ހުއްޓިފައި ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ޙަވާލުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، މި ސަރުކާރުން މިހާރުވެސް ފްލެޓް ބިނާކުރުމުގެ އެތައް އައު މަޝްރޫޢުތަކެއްގެ މަސައްކަތް ފަށާފައިވާކަމަށާއި، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.