ތިން ރައީސުން ހިޔާލުތަފާތުވުން އެއްފަރާތް ކުރީ ގައުމުގެ ހައްގުގައި ބޮޑު ގޯހެއް ހައްލުކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަޝްވަރާ ކުރެއްވުމަށް ކުރީގެ ރައީސުން ކަމަށްވާ ޔާމީން، މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ބާއްވަވާ ބައްދަލުވުން މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ތިން ރައީސުން ވެސް ހިޔާލުތަފާތުވުންތައް އެއް ފަރާތަކަށް ޖައްސަނީ މުޅި ގައުމުގެ ހައްގުގައި ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ކުރިމަތިވާ ދުއްޕާނާއި އުނދަގޫތައް މާބޮޑު ކަމަށެވެ.
"އާންމު ފަރުދުންގެ ދިރިއުޅުން ބައްލަވާ. އެ ހާލަތުން އެބަ އިނގޭ ރައްޔިތުންނަށް މި އުޅެނީ ވަރަށް ދަތި ހާލަތުގައިކަން،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލެއްވި ކަމަށާއި އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް ސޯލިހާއި އެއްގަލަކަށް އަރަން ނިންމެވީ އެއަށް ވުރެ ބޮޑު ގޯހެއް ހައްލުކުރުމަށްޓަކާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މި ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިދިކޮޅުގައި މިހާރު ތިބީ ހުސް ފެއިލްވެފައި ތިބި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރަން ރާއްޖެއަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއް ބޭނުންވާ ކަމަށާއި "ބަތްކައްކާ ކުޅޭ މިގޮތަށް ސަކަރާތް ޖަހާ ދެއުޅިއެއް ނުވާ ފަރާތްތަކެއް" އިދިކޮޅުގައި އޮވެގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.
"އެކަކު އަނެކުގެ ކަރުގައި ހިފައިގެން ތިބި، އެކަކު އަނެކަކުގެ ބުރިކައްޓަށް ވަޅިޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަދައްކާއިރު، ހުސް ފެއިލިއަރުން މިތިބީ. ހުސް ފެއިލިއަރުން ނިކުމެ ގައުމުގެ ވާހަކަ ދެއްކީމަ އަޅުގަނޑުމެންގެ ޒުވާން ކުދިން މިކަން އެނެލައިޒްކޮށްލާއިރު އެމީހުން ވަރަށް ޑިޕްރެސްވާނެ،" ރައީސް ވިދާޅުވި އެވެ.