ޕީއެންސީ އޮތީ އެކުގައި ގަދަކޮށް ކަމަށާއި އެ ޕާޓީ ރޫޅައެއް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަބްދުލްރަހީމް ވިދާޅުވީ ގައުމީ ކަމެއް ކުރަން ބޭނުންވާނަމަ އަންނަންވީ ޕީއެންސީގެ ހަރުގެއަށް ކަމަށާއި ގައުމަށްޓަކާ ކަމެއް ކޮށްދޭނެ ފިކުރަކީ ޕީއެންސީގެ ފިކުރު ކަމަށެވެ.
"މިތިބީ ގަދަކޮށް، މިތިބީ އެކުގައި، މިތިބީ ބަދަހިކޮށް. މި ލަޝްކަރު ރޫޅާއެއް ނުލެވޭނެ އިރާދަކުރެވިއްޔާ،" އަބްދުލްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުގެ ވާދަވެރިކަމެއް ނެތް ކަމަށާއި 2028 ގައި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކޮށްދޭން ޕީއެންސީ އޮތީ ކަމަރު ބަނދެގެން ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ. ޕީއެންސީގެ އާންމު މެމްބަރުން ކަންބޮޑުވެ ހާސްވާން ނުޖެހޭ ކަމަށާއި ޕީއެންސީ ބައިބައިކުރަން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާއި ރައީސް މުޢިއްޒަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އެގޮތުން މަޖިލިސް ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމަށް ރެއާއި ދުވާލު މަސައްކަތް ކުރަން މެމްބަރުން ތިއްބެވީ ތައްޔާރަށް ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.
"ރައްޔިތުން އަޅުގަނޑުމެންނަށް 75 ގޮނޑި ދީފަ ބުނީ އެކަން ކުރާށޭ. ތިމަންނަމެންނަށްޓަކައި މި ގައުމު އަނބުރާ ހޯދައިދޭށޭ. ތިމަންނަމެންނަށް ބޭނުންވާ ހިދުމަތް ތިމަންނަމެންނަށް ކޮށްދެށޭ. ތިމަންނަމެންގެ އަސާސީ ބޭނުންތައް ފުއްދައިދޭށޭ. މި ގައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އާކޮށްދޭށޭ. މިގައުމުގެ މިނިވަންކަން ދަމަހައްޓައިދޭށޭ. މި ގައުމަށް އުމްރާނީ ތަރަސްގީ ގެނެސްދޭށޭ. މި ގައުމުގަ އަދުލު އިންސާފު ގާއިމްކޮށްދޭށެ." އަބްދުލްރަހީމް ވިދާޅުވި އެވެ.